ޚަބަރު

ބޮޑުތިލަދުން މައްޗަށް އިޤްތިސާދީ އަދި އިޖްތިމާއީ ގޮތުން އިންގިލާބީ ބޮޑު ބަދަލެއް ގެންނާނަން: ގާސިމް


  • ބޮޑުތިލަދުންމައްޗަށް އިޤްތިސާދީ އަދި އިޖްތިމާއީ ގޮތުން އިންގިލާބި ބޮޑު ބަދަލެއް ގެންނާނަން

  • ހަނިމާދޫ އެއަރޕޯޓް ހިންގުމުގެ ނިޒާމް އެއްކޮން ދިވެހިންނަށް ބަދަލުކުރާނަން

  • ހއ. ހދ. އަދި ށ.އަތޮޅުގައި ޓޫރިސްޓު އެނދުގެ އަދަދު 10000އަށް އެނދަށް ބަދަލު ކުރާނަން

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިއްޖެނަމަ ބޮޑުތިލަދުންމައްޗަށް އިޤްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އިންގިލާބީ ބޮޑުބަދަލެއް ގެންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި އެއަތޮޅު ކުޅުދުއްފުށީގައި ޖޭޕީގެ ޖަގަހަ ހުޅުއްވައިދެއްވާ ވާހަކަ ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އަބަދުވެސް އިވޭ އެއްއަޑަކީ ރާއްޖޭގެ ދެކުނު ތަރައްގީ ކުރާވާހަކަ ކަމަށާއި ރާއްޖޭގެ އުތުރުގެ ތަރައްގީގެ ވާހަކަ އަޑު ނީވޭކަމަށެެވެ. ރާއްޖޭގެ އުތުރާއި ދެކުނު އާބާދީގެ ގޮތުން ބެލިކަމުގައި ވީނަމަވެސް އެއްވަރެއްކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ މި ދެތަންވެސް އެމަނިކުފާނު ދެކެނީ ހަމަ ހަމަ ތަނެއްގެ ގޮތުގައިކަމަށެއެވެ. އެގޮތުން އެމަނިކުފާނު މިފަހަރުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބު ވެއްޖެނަމަ ބޮޑުތިލަދުންމައްޗަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ހަނިމާދޫ އެއަރޕޯޓް ދުނިޔޭގެ ފެންވަރަށް ތަރައްގީކޮށް ނިންމާ އެއަރޕޯޓް ހިންގުމުގެ ނިޒާމް އެއްކޮން ދިވެހިންނަށް ބަދަލުކުރައްވާނެކަމަށެވެ.

"މިރާއްޖޭ ކުރިއަށް ތަރައްގީކޮށް ދިނުމަށްޓަކައި އަންނަން އޮތް ދުވަސްތަކަށް ތަރައްގީ ކޮށްދިނުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މިހާރު އިންޓަރނޭޝަނަލް އެއަރޕޯޓެއް މިއޮތް ދަނީ ހަނިމާދޫގައި. ގާތް ގަޑަކަށް 1.5 މިލިޔަން މީހުންނަށް ދަތުރު ކުރެވޭނެވަރަށް އަޅުގަނޑުގެ ވެރިކަމެއްގައި ނިންމާނަން. އަދި އެތާގައި ނުތިބޭނެ ބޭރުމީހުންނެއް. އެތަން ހިނގާކަށެއް އަޅުގަނޑުގެ ވެރިކަމެއްގައި. ދިވެހި ރައްޔިތުން ދިވެހި ސަރުކާރުން. މިތަންތާގެ މީހުން އެތަންތާ ވަޒީފާގައި ތިބޭނީ" ގާސިމް ވިދާޅުވިއެވެ.

ހއ. ހދ. އަދި ށ. އަތޮޅުގައި 6،000 ޓޫރިސްޓު އެނދު އުފައްދަން ހިމަނާފައިވާ ވައުދަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އެ އަދަދު 10000އަށް ގެންދިޔުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އެގޮތުން ރިސޯޓުތައް ހަދާއިރު، ކޮންސްޓްރަކްޝަން މުއްދަތު ހަމަވުމަށްފަހު އިތުރު 15 އަހަރު ދައުލަތަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ހައްދަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. މީގެ އިތުރުން ގެސްޓުހައުސްތައް ސަރުކާރުން ތަރައްގީކޮށް ނުވަތަ ލުއި ގޮތަކަށް ލޯނު ދީގެން އެކަމަށް ވެސް މަގުފަހިކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް އަލި އަޅުއްވާލައްވާ ގާސިމް ވިދާޅުވި މިދުވަސްވަރު އެކި ބޭފުޅުން އުއްމީދީ ވާހަކަތަކާއިއެކު ރަށްރަށަށް އަރާވަޑައިގަންނަވާނެކަމަށާއި، މިއީ ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު އަބަދުވެސް އަންނަ ދުވަސްކޮޅެއްކަމަށެވެ.

ގާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓުދޭއިރު، ޕާޓީގެ ކުޑަ، ބޮޑު މިނަށް ބަލަން ނުޖެހޭކަމަށެވެ. އަދި އެމަނިކުފާނު އިލްތިމާސްކުރެއްވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ދެއްވާ ވޯޓަކީ ފަހުން ހިތާމަ ކުރަންޖެހޭ ވޯޓަކަށް ނެހެދުމަށެވެ. އެހެންކަމުން ގޯސް މީހަކު ވެރިކަމަށް އިންތިޚާބުވެއްޖެނަމަ ގައުމުގެ މިނިވަންކަމާއިމެދު އެއްވެސް ޔަގީންކަމެއް ނޯންނާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.