ޚަބަރު

ޕްރައިމަރީން ޕީއެޗްޑީއަށް ހިލޭ ކިޔަވައިދެވޭ ގޮތް ހަދާދޭނަން: ނާޒިމް


  • އެމްއެންޕީގެ ސަރުކާރެއްގައި ޕްރައިމަރީން ޕީއެޗްޑީއަށް ހިލޭ ކިޔަވައިދެވޭ ގޮތް ހަދާދޭނަން

  • ރިސަރޗް ޕީއެޗްޑީއަށް ކުރާ ޚަރަދުވެސް ސަރުކާރުން ފުއްދައި ދޭނަން

  • ސްކޫލްތަކުގައި ދަރިވަރުންނަށް އެކިކަހަލަ ވޮކޭޝަނަލް ޓްރެއިންގ ދިނުން ތަޢާރަފް ކުރާނަން

އެމްއެންޕީގެ ސަރުކާރެއްގައި ޕްރައިމަރީ އެޑިޔުކޭޝަނުން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވޭ ގޮތް ހަމަޖައްސާދެއްވާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކ.ހުރާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްވަމުން ނާޒިމް ވިދާޅުވީ ތަޢުލީމް ދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއްކަމަށެވެ. އެހެންކަމުން ޕްރައިމަރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔަވައިދެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ރިސަރޗް ޕީއެޗްޑީ ހަދާ ފަރާތްތަކަށްވެސް ހިލޭ ކިޔެވޭ ގޮތް ހައްދަވާދެއްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ރިސަރޗް ޕީއެޗްޑީ ހަދާ މީހުންގެ މަސައްކަތުން، ޤައުމަށް މަންފާ ކުރާނަމަ، އެކަމެއް ސަރުކާރުން ކޮށްދެއްވަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ތަޢުލީމު ދިނުމަކީ ސަރުކާރެއްގެ މައްޗަށް ލާޒިމް ކަމެއް. އެހެންވީމަ އަޅުގަނޑުމެންގެ ސަރުކާރެއްގައި ޕްރައިމަރީއިން ފެށިގެން ޕީއެޗްޑީ އާއި ހަމައަށް ހިލޭ ކިޔަވައިދެވޭނެ ވާހަކަ ދަންނަވާލަން ބޭނުން، ޕީއެޗްޑީއަށް ރިސަރޗް ހަދާ މީހުންނަށްވެސް ބޭނުންވާ ޚަރަދަކީ މުހިންމު ޚަރަދެެއް. ރިސަރޗްކޮށްގެން އިނޮވޭޝަނާއި އެކީގައި ޤައުމަށް ފައިދާ ކުރަނިވި ރިސަރޗެއް ލިޔެގެން، ޕީއެޗްޑީ ޙާސިލްކޮށްފިއްޔާ، އަޅުގަނޑު ޤަބޫލުކުރަން އެ ބޭފުޅުންގެ ޚަރަދުތައްވެސް ފުއްދާދޭންޖެހޭނެ ކަމަށް." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރަށް، ޢާންމު ތަޢުލީމަށް އަލިއަޅުއްވާލައްވަމުން ނާޒިމް ވިދާޅުވީ ސްކޫލް މާޙައުލުގެ ތެރެއިން ދަރިވަރުންނަށް، އެކިކަހަލަ ހުނަރުތައް ދަސްކޮށްދެއްވަން ޖެހޭ ކަމަށެވެ. އަދި އެކިކަހަލަ ހުނަރުތައް ދަރިވަރުންގެ ކިބައިގައި އަށަގެންފަ ހުރުމަކީ ވަޒީފާގެ މައިދާނަށް ދަރިވަރުން ނިކުންނައިރު، މުހިންމު ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެމްއެންޕީގެ ސަރުކާރެއްގައި އެކިކަހަލަ ވޮކޭޝަނަލް ޓްރެއިނިން ދަރިވަރުންނަށް ދެއްވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ ރާއްޖޭގެ ޖުޑިޝަލް ސިސްޓަމް އޮތް ގޮތަށްވެސް އަލިއަޅުއްވާލާފައެވެ. އެގޮތުން، ނާޒިމް ވިދާޅުވީ ރާއްޖޭގައި އޮތް ޖުޑިޝަލް ސިސްޓަމަކީ މިނިވަން ތަނަކަށް ހަދަންޖެހޭ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ތެރެއިން ޖޭއެސްސީއަކީ މިނިވަންކަންމަތީ ހިންގާ މުއައްސަސާއެއްކަން، އެމްއެންޕީގެ ސަރުކާރެއްގައި ކަށަވަރުކުރައްވާނެކަމަށެވެ.