ޚަބަރު

އައްޑުއާއި ފުވައްމުލަކުގައި އާރުޓީއެލް ފަށައި، ހައިވޭލިންކުން ހުވަދުއާއި ހަމައަށް ގުޅާލައިފި


  • ޒޯން 6 ގައި ހިމެނެނީ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ

  • ޒޯން 5 ގައި ހިމެނޭ ގއ. އަދި ގދ.އަތޮޅާއި ޒޯން 6 ގައި ހިމެނޭ ދެސިޓީވެސް ހައިވޭލިންކަކުން ގުޅާލައިފި

  • މިމަހުގެ 18 އިން 24 އަށް ދަތުރުތައް ހިލޭ

  • މިމުއްދަތުގައި ޓިކެޓު ލިބޭނީ ރަށު ކައުންސިލުން

މުޅި ރާއްޖެ ޤައުމީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ކުރާ މަސައްކަތުގެ ދަށުން، އާރުޓީއެލް ފެރީގެ ޚިދުމަތް އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ.

ޤައުމީ ފެރީ ނިޒާމް ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް ދެމުންގެންދަނީ ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ. މިގޮތުން އެންމެ ދެކުނުގަ އޮތް ޒޯން 6 ގައި ހިމެނޭ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި އެމްޓީސީސީން މިއަދު ވަނީ ޚިދުމަތްދޭން ފަށާފައެވެ. ހަމައެއާއެކު ޒޯން 5ގައި ހިމެނޭ ގއ.އަދި ގދ.އަތޮޅާއި ޒޯން 6 ގައި ހިމެނޭ ފުވައްމުލައް ސިޓީއަށް ސީދާ ފެރީތައް ބޭއްވުމަށް ހައިވޭ ލިންކަކުންވަނީ ގުޅާލާފައެވެ. މިއާއެކު މިހާރު ގއ. އަތޮޅުން ފެށިގެން އައްޑޫއާއި ހަމައަށް އާރުޓީއެލް ފެރީގައި ދަތުރުކުރެވޭނެއެވެ.

ޢާއްމު އުސޫލުގެ މަތިން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާނީ ޓެސްޓް ދަތުރުތައްކަމަށް މިޚިދުމަތް ދެމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ބުނެއެވެ.

މިގޮތުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް ކަސްޓަމަރުންނަށް ހިލޭ ދަތުރުކުރެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ މައިގަނޑު ބޭނުމަކީ ކަސްޓަމަރުން ފެރީގެ ޝެޑިއުލަށް އަހުލުވެރިކުރުވާ، މި ޚިދުމަތް ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުމާއިއެކު، ކަސްޓަމަރުންގެ ޚިޔާލު ހޯދުމަށްކަމަށް އެމްޓީސީސީން ބުނެއެވެ. ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ފެރީގެ ޓިކެޓް ހޯދުމަށް ކޮންމެ ރަށެއްގެ ރައްޔިތުންވެސް ގުޅާނީ އެރަށެއްގެ ކައުންސިލް އިދާރާއަށްކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އަންނަ ހަފްތާއަށްފަހު ފެރީގެ ރަސްމީ ދަތުރުތައް ފެށުމުން، ޓިކެޓު ގަތުމަށް ކަސްޓަމަރުން ބޭނުންކުރަންވާނީ، އެމްޓީސީސީގެ އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕްކަމަށެވެ.

އެމްޓީސީސީން ބުނީ ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ދޭން ފެށިނަމަވެސް ޢުމުރުން 3 އަހަރުން ދަށުގެ ކުޑަކުދިންނާއި އެންސްޕާގައި ރަޖިސްޓަރކޮށްފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފެރީގައި ހިލޭ ދަތުރުކުރެވޭނެކަމަށެވެ.

ޒޯން 5 އަދި 6 ގުޅާލުމަށާއި ޒޯން 6 ގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޓީސީސީން 50 މީހުންގެ ޖާގައިގެ 2 ސްޕީޑް ފެރީ ބޭނުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ހަފްތާއަކު 7 ދުވަހު އަރްޓީއެލްގެ ޚިދުމަތް 2 މިރޫޓުން ލިބޭނެކަމަށް އެމްޓީސީސީން ބުނެއެވެ.