ޚަބަރު

ސްކޫލު ޗުއްޓީ އަހަރުގެ މެދު ތެރެއާއި، ފަހުކޮޅުގައި ލިބޭގޮތް ހަދާދޭނަން: މުޢިއްޒު


  • ސްކޫލު ޗުއްޓީއަށް ބަދަލު ގެންނަވާ ވާހަކަ މުއިއްޒު ފުރަތަމަ ވިދާޅުވީ ދ.ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައެވެ. ނަމަވެސް އެއާއިއެކު ރިސޯޓް މުވައްޒިފުންގެ ކަންބޮޑުވުމާއިއެކު ފ.ނިލަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ބޮޑު ބަންދު އަހަރުގެ ފަހުކޮޅަށް ބަދަލު ކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫންކަމަށެވެ. އަދި ލިބިވަޑައިގެންނެވި ކަންބޮޑުވުން ތަކާއިއެކު އަހަރުގެ މެދު ތެރޭގައިވެސް 4 ހަފްތަގެ ޗުއްޓީއެއް ލިބޭނެ ގޮތް ހަމަޖައްސަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސްކޫލް ޗުއްޓީ، އަހަރުގެ މެދުތެރެއާއި ޑިސެމްބަރުގައިވެސް ލިބޭގޮތަށް ހަމަޖައްސަވައިދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސްކޫލު ޗުއްޓީ ކުރިން އޮތްގޮތަށް އަހަރުގެ ފަހުކޮޅަށް ބަދަލުކުރައްވާނެކަމަށް މުއިއްޒު ފުރަތަމަ ވިދާޅުވީ ދ.ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައެވެ. އެއާއެކު ރިސޯޓް މުވައްޒިފުންގެ ކަންބޮޑުވުމާއިއެކު މުޢިއަޒު ވަނީ އެކަމަށް ހައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ފ.ނިލަންދޫގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ބޮޑު ބަންދު އަހަރުގެ ފަހުކޮޅަށް ބަދަލު ކުރުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށެވެ. އަދި ރިސޯޓް މުވައްޒަފުންގެ ކަންބޮޑުވުންތަކާއެކު އަހަރުގެ މެދު ތެރޭގައިވެސް 4 ހަފްތާގެ ޗުއްޓީއެއް ލިބޭނެ ގޮތް ހަމަޖައްސަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިހާރު އޮތް ގޮތަށް މިސަރުކާރުން ބަދަލުކުރީ ޑިސެމްބަރަކީ ޓޫރިޒަމް ޕީކް ސީޒަނަށް ވެފައި އެ ދުވަސްވަރު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެމީހުންގެ އާއިލާތަކާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ނުލިބޭތީ އެ މުވައްޒަފުން ސަރުކާރަށް ހުށަހަޅައިގެންނެވެ. ނަމަވެސް ރާއްޖޭގެ މޫސުން އޮންނަ ގޮތުން އަހަރުގެ މެދު ވިސާރަ މޫސުމާއި ދިމާވާތީ، އެއީ އެންމެ ރަނގަޅު ބަދަލެއްތޯއާމެދު ބައެއް މީހުން ސުވާލު އުފައްފައެވެ.

ޓޫރިޒަމް މުވައްޒަފުންނަށް ހައުސިން މަޝްރޫއާއި، ރިޓަޔަމަންޓް ޕެންޝަން ސްކީމެއް:

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދައުރުގެ ކުރީކޮޅު ހައުސިން މަޝްރޫއަކާއި، ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ވެސް ތައާރަފު ކުރައްވާނެކަމަށް މުއިއްޒު ވަނީ ރޭ ވަޢުދުވެވަޑައިގެންފައެވެ. މުޢިއްޒު ވަނީ މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށްގެން އެއްވެސް ކަހަލަ ގެދޮރުވެރިކަމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްފައިނުވާކަން ފާހަގަކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ ކަމާބެހޭ ގާނޫނާއި ގަވާއިދުތައް ހަދައިގެން، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަ ރިޓަޔަމަންޓް ޕެންޝަން ސްކީމެއްވެސް ތައާރަފް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ ކެމްޕޭނަށް ޑރ.މުއިއްޒު ކުރައްވަ ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ށ.އަތޮޅަށެވެ.