ޚަބަރު

ވިސާއާ ނުލައި ދިވެހިންނަށް މޮންގޯލިއާއަށް 30 ދުވަހުގެ މުއްދަތެއް


  • ވިސާއާއި ނުލައި ދަތުރުކުރެވޭނީ 30 ދުވަހުގެ މުއްދަތަކަށް

  • ޓްރާންސިޓް ކުރުމުގައިވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެ

ދިވެހިރާއްޖޭ އާއި މޮންގޯލިއާއާއި، ދެމެދު ވިސާ ވެއިވަރ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

މިއެއްބަސްވުމުގެ ދަށުން، ދުރާލާ ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް މޮންގޯލިއާއަށް 30 ދުވަހުގެ މުއްދަތަކަށް އެތެރެވެވޭނެއެވެ. އަދި މޮންގޯލިއާ ރައްޔިތުންނަށް ވެސް ވިސާނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ. އަދި ޓްރާންސިޓް ކުރުމުގައިވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެއެވެ.

ރާއްޖެއާއި މޮންގޯލިއާއާއި ދެމެދު ވިސާ ވެއިވަރ އެއްބަސްވުމުގައި ސޮކުރެއްވީ އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިބްރާހީމް ޝަހީބެވެ. މޮންގޯލިއާގެ ސަރުކާރުގެ ފަރާތުން މިއެއްބަސް ވުމުގައި ސޮއި ކުރެއްވީ މޮންގޯލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގެންބޯލްޑް ޑަމްބަޖޭވް އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިބްރާހީމް ޝަހީބް ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މޮންގޯލިއާ ސަރުކާރުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސޮއިކުރެވުނު މި އެއްބަސްވުމާއެކު ދެޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށްވެސް ޝަހީބް ވިދާޅުވިއެވެ.