ޚަބަރު

4 ރަށެއްގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި


  • ށ. މާއުނގޫދޫ، ށ.ކަނޑިތީމު، އއ.އުކުޅަސް، ކ.ގުރައިދޫ ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރާނެ

  • މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 3 ކުންފުންޏަކަށް

  • އިތުރު ޚިދުމަތްތައް ދިނުމަށް ލުއިފަސޭހަވާނެ

4 ރަށެއްގެ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކުރައްވައިފިއެވެ.

ހެލްތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ ށ.މާއުނގޫދޫއާއި ށ.ކަނޑިތީމާއި އއ.އުކުޅަހާއި ކ.ގުރައިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަސައްކަތެވެ.

ހެލްތް މިނިސްޓްރީން ށ.މާއުނގޫދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުންޏާ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 24.3 މިލިޔަން ރުފިޔާއަށެވެ.

ކ.ގުރައިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވަނީ 75.3 މިލިޔަން ރުފިޔާއަށެވެ.

ށ.ކަނޑިތީމު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ސެންޓްރަލްް ލައިން ލިމިޓެޑަށް ހަވާލުކޮށްފައިވަނީ 24.7 މިލިޔަން ރުފިޔާއަށެވެ. އަދި އއ. އުކުޅަސް ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވަނީ 76.7 މިލިޔަން ރުފިޔާއަށެވެ.

ރަށްރަށުގެ ސިއްޙީ މަރުކަޒަށް އިތުރުކުރާ ބައިގައި އިދާރީ މަސައްކަތް ކުރާނެ އޮފީހާއި، މީޓިންގ ރޫމާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ޖެނެރަލް ސްޓޯރއަކާއި މެޑިކަލް ސްޓޯރއެއްގެ އިތުރުން ލޯންޑްރީ އޭރިއާއެއް ތަރައްޤީކުރެއެވެ. މިއާއެކު ސިއްޙީ މަރުކަޒުތަކުން ޚިދުމަތްދިނުމަށް އިތުރު ޖާގަލިބި ޚިދުމަތް ދިނުމުގައި ފަސޭހަވެގެންދެއެވެ.

ސަރުކާރުން އަންނަނީ އަތޮޅުތަކުގައި ހުރި ސިއްޙީ މަރުކަޒުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތުގެ އިތުރަށް އެތަންތަނުން ލެބޯޓަރީގެ ޚިދުމަތްވެސް ލިބޭނެ އިންތިޒާމްތަކާއި އިތުރު ޚިދުމަތްތައްވެސް ލިބޭނެ ގޮތް ހައްދަވަމުންނެވެ.