ކުޅިވަރު

ކުލަބު މޯލްޑިވްސް ކަޕް: ވެމްކޯ އާއި އާރްއާރްސީ ފައިނަލަށް


މިހާރު ކުރިއަށްދާ ކުލަބު މޯލްޑިވްސް ކަޕް 2023 ސެމީ ފައިނަލުން ޔުނައިޓެޑް ބީއެމްއެލް އާއި ޓީމު ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ކަޓުވާލުމަށްފަހު، މުބާރާތުގެ ފައިނަލުން ކުލަބު ވެމްކޯ އާއި ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) ޖާގަ ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފުރަތަމަ މެޗުން ވެމްކޯ މޮޅުވީ ބީއެމްއެލް އަތުން ފަހަތުން އަރައި 7-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު އަޙްމަދު ހުނައިފް ކާމިޔާބުކޮށްދިން ލަނޑާއެކު ބީއެމްއެލްއިން ވަނީ ލީޑު ނަގާފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ގާތްގާތުގައި ދެ ލަނޑު ޖަހައި ވެމްކޯއިން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މިި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ވިޖުދާން (ވިޖުއްކޮ) އާއި އިސްމާޢީލް ވަޖީހު (ވައްޖެ) އެވެ.

މި މެޗުގެ ދެވަނަ ހާފުގައި ވެމްކޯއިން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ މި ހާފުގައި ފަސް ލަނޑު ޖަހާފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ހަތަރު ލަނޑު ޖަހައިދިން އީރާނުގެ އަލީ ރެޒާ ޝެއިކްލާރުގެ އިތުރުން ފުރަތަމަ ހާފުގައިވެސް ލަނޑެއް ކާމިޔާބުކުރި ވައްޖެއެވެ. ދެން މި މެޗުގައި ބީއެމްއެލްއިން ކާމިޔާބުކުރި އަނެއް ދެ ލަނޑު ޖަހައިދިނީ އިޝާން އިބްރާހީމް (ސައްޓު) އާއި ހައިސަމް ރަޝީދެވެ.

މީގެ އިތުރުން މި މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުން އާރްއާރްސީ މޮޅުވީ އެފްއެސްއެމް އަތުން 7-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އާރްއާރްސީން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ކާމިޔާބުކުރި ހުސެއިން ޣައްސާން ލަބީބް (ހުސީ) އާއި، އަލީ ހާފިޒް (ހާއްޕެ) އާއި، އަބްދުﷲ ޔާމީން (ޔާނު) އާއި، އިބްރާހީމް ސިނާހު (ސިނާ) އާއި، އަލީ ޝިފާއު (ރޮނާ) އަދި އަލީ ޝާމިސް (ތޮއްޕެ) އެވެ. އަދި އެފްއެސްއެމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝާނާއި، އަލީ އަލްސަން އަދި އަބްދުﷲ ޒިޔާނެވެ.

މި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުމެއްގެ ތެރެއިން އާރްއާރްސީގެ އިބްރާހީމް އަސްވަދު (ގަބޭ) އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

މި ނަތީޖާތަކާއެކު މި ފަހަރުގެ ކުލަބު މޯލްޑިވްސް ކަޕުގެ ފައިނަލުގައި ވެމްކޯ އާއި އާރްއާރްސީ ބައްދަލުކުރާއިރު، އެ މެޗު ކުޅޭނީ މި މަހު 25 ވަނަ ދުވަހުގެރެއެވެ.