ޚަބަރު

ގުރުއަތު ނަގާ ދުވަހާ ގަޑިއަށް ބަދަލެއް


  • ގުރުއަތު ނެގުން ކުރިއަށްދާނީ ހަމައެކަނި ގަލޮޅު ދަނޑުގައި

  • ކުރިން އޮތީ މާދަމާ އިންފެށިގެން ހެންވޭރު ދަނޑުގައި ގުރުނެގުމަށް

  • ދުވަހާއި ގަޑި އަންގަނީ ޕޯޓަލް މެދުވެރިކޮށް

މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުނެގުމުގެ ދުވަހާއި ގަޑިއަށް ބަދަލުތަކެއް ގެނެސްފިއެވެ.

ގޯތި ލިބޭ ސަރަހައްދު ކަނޑައެޅުމަށް ޕްލޭނިން މިނިސްޓްރީން ގުރުއަތު ނަގަން ފެށީ އަންގާރަ ދުވަހުން ފެށިގެންނެވެ. އަދި ގުރުއަތު ނެގުން ކުރިއަށްދަނީ ގަލޮޅު ދަނޑުގައެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން ކުރިން ވިދާޅުވެފައިވަނީ ބުދަ ދުވަހުން ފެށިގެން ގުރުއަތު ނެގުން ކުރިއަށްދާނީ ހެންވޭރު ދަނޑުގައި ކަމަށެވެ.

ނަމަވެސް ޕްލޭނިން މިނިސްޓްރީން އަނެއްކާވެސް ގުރުއަތު ނެގުން ގަލޮޅު ދަނޑަށް ބަދަލުކޮށް، ގުރުއަތު ނެގުމަށް ކުރިން ދީފައިވާ ދުވަހާއި ގަޑިއަށް ވަނީ ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ގުރުއަތު ނަގަން ދާންޖެހޭ ދުވަހާއި ވަގުތު ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އަންގަމުން އަންނަކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ. އެހެންކަމުން ގުރުއަތު ނެގުމަށް ދާންޖެހޭ ހުރިހާ ފަރާތްތަކުންވެސް ގަޑި އަލުން ޗެކް ކުރުމަށް އެ މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.

ގުރުއަތުލުން ކުރިއަށްދާ ޓެންޓަށް ވަދެވޭނީ ހަމައެކަނި ގޯއްޗަށް އެދި ހުށަހެޅި މީހާ ނުވަތަ ބަދަލުގައި ޕޯޓަލް މެދުވެރިކޮށް އައްޔަނުކޮށްފައިވާ މީހާއަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން 19639 މީހުން ގޯއްޗަށް ޝަރުތު ހަމަވާވާކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅަފައެވެ. މީގެތެރިން މި ދައުރުގަައި 18955 މީހުންނަށް ގޯތި ދޭނެއެވެ.