އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަތުން ބަލިވެ، މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ނުލިބި ރާއްޖޭގެ ކުލަބު އީގަލްސް ކަޓައިފިއެވެ.
ބަންގްލަދޭޝްގެ ސިލްހެޓް ޑިސްޓްރިކްޓް ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗު އަބަހާނީން ކާމިޔާބުކުރީ ފަހު ވަގުތު ޖެހި ލަނޑާއެކު 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އަބަހާނިންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި މި ލަނޑުު އެ ޓީމަށް ކާމިޔާބުކޮށްދިނީ މީގެ ކުރިން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެފައިވާ ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ.
އެކަމަކު މެޗުގެ 63 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ ޕެޓްރޮވިޗް ހިލޭ ޖެހުމަކުން ނަގައިދިން ބޯޅައަކުން މި ލަނޑު ޖަހައިދިނީ ޓީމުގެ ކެޕްޓަން އަޙްމަދު ރިޒުވާން (ރިޒޭ) އެވެ.
އެކަމަކު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އަބަހާނީން ވަނީ އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލުގެ ޑިފެންޑަރު ޑަނީލޯ އޮގަސްޓޯއެވެ. ވިއްސާރަވުމުގެ ސަބަބުން ޗަކަ ހެދިފައި ދަނޑުގައި އޮތުމާއެކު، ދެ ޓީމަށްވެސް ވަނީ މި މެޗުގައި ކުޅެން އުނދަގޫވެފައެވެ.
މި ނަތީޖާއާއެކު އީގަލްސް މި ވަނީ އޭއެފްސީ ކަޕުގެ ކޮލިފައިންގައި ކުޅުނު ދެ ފަހަރުވެސް ގްރޫޕް ސްޓޭޖުގެ ޖާގައެއް ނުލިބި މުބާރާތާ ވަކިވާން ޖެހިފައެވެ. އެގޮތުން އެ ޓީމުން އެންމެ ފަހުން ކޮލިފައިންގައި ވާދަކުރި ފަަހަރު ޕްލޭއޮފްގައި ބަލިވީ ބެންގަލޫރު އަތުންނެވެ.
އީގަލްސް ބަލިކުރި އަބަހާނީ މި ފަހަރު ގްރޫޕް ސްޓޭޖުގެ ޖާގައަކަށް ވާދަކުރަން ޖެހޭނީ އިންޑިއާގެ މޯހަން ބަގާން އާއި ނޭޕާލުގެ މަޗިންދުރަ އެފްސީ ކުޅެގެން މޮޅުވާ ޓީމަކާއެވެ.