ޚަބަރު

މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ހޯމަ ދުވަހު ފަށަނީ


  • ޖަލްސާތައް ހޯމަ ދުވަހު ފެށުމަށް މެމްބަރުންނަށް ވަނީ އަންގަވާފަ

  • މިއީ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު

  • މަޖިލިސް މަސައްކަތް ފަށާއިރު ކޮމެޓީތައް ޖެހެނީ އަލުން އެކުލަވާލަން

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް އަންނަ ހަފްތާގެ ހޯމަ ދުވަހު ފެށުމަށް ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމުމަށްފަހު ޗުއްޓީއަށް ގޮސްފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. މަޖިލީހުގެ ނިމިގެން ދިޔަ ދައުރަކީ މަޖިލީހުގެ ރިޔާސަތުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި އުފެދިފައިވާ ބޮޑެތި ޚިޔާލް ތަފާތުވުންތަކާއިއެކު ޖަލްސާތަކާއި ކޮމެޓީތައްވެސް ނުބޭއްވި ދިޔަ ދައުރެކެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް ފެށުމަށްޓަކައި، މަޖިލީހުގެ މެމްބަރުންނަށް ވަނީ އަންނަ ހޯމަ ދުވަހު ޖަލްސާތައް ފަށާނެކަމަށްވެސް އަންގަވާފައެވެ. މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާއިރު، މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވި ކޮމެޓީތަކުގެ މަސައްކަތްތައް އަދިވެސް އޮތީ ހުއްޓިފައެވެ.

ކޮމެޓީތައް އެކުލަވާލުމަށްޓަކައި މަޖިލީހުގެ ނިމިދިޔަ ދައުރުގެ ބޭރުން ބޭއްވި ޖަލްސާގައި ކޮމެޓީތަކަށް އެކުލަވާލުމަށް އެއްބަސްވުމަކަށް އައިސް، ހުށަހެޅި ރިޕޯޓް ވަނީ ފާސް ކުރައްވާފައެވެ. ނަމަވެސް އޭގެ ފަހުން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވި ބައެއް މެމްބަރުން ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގަތުމުން އަނެއްކާވެސް ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތްތައް އަލުން ކުރަންޖެހިފައިވާކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅުވެފައިވެއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވުމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި އޮތުމުން، ކޮމިޓީތަކުން ނިންމަންޖެހޭ ބައެއް ކަންކަމާއި މުހިއްމު އެހެން ބައެއް މަސައްކަތްތައްވެސް ވަނީ ހުއްޓިފައެވެ. މިގޮތުން މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާނެ ގޮތާއި ގުޅޭގޮތުން އާންމު ކޮމިޓީން ގޮތްތަކެއް ކަނޑައަޅަންޖެހޭއިރު، އެ ކޮމިޓީ ނުބޭއްވޭތީ އެކަމުގައި ގޮތްތަކެއް ނުނިމި، އިތުބާރު ނެތްކަމުގެ މައްސަލަތައްވެސް ވަނީ މަޑުޖެހިފައެވެ.