ކުޅިވަރު

އަންހެން ވޮލީ ޓީމުން ކުޅުނު ފަހު މެޗުންވެސް ލަންކާ އަތުން ބަލިވެއްޖެ


މަޑަގަސްކަރަގައި މި މަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފަހު މެޗުންވެސް ޤައުމީ އަންހެން ވޮލީބޯޅަ ޓީމު ބަލިވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުން އަންހެން ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. ލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުންވެސް އަންހެން ޓީމު ސީދާ ތިން ސެޓުން ބަލިވިއިރު، ދެވަނަ މެޗުން ބަލިވެފައިވަނީ 3-1 ސެޓުންނެވެ. ރޭ ކުޅުނު މެޗުގެ ސެޓުތައް ލަންކާއިން ގެންގޮސްފައިވަނީ 25-18، 25-17 އަދި 25-13 އިންނެވެ.

އައިއޯއައިޖީއަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ވޮލީ ޓީމުތަކުން މާލޭގައި ލަންކާއާ ދެކޮޅަށް މެޗުތަކެއް ކުޅެމުން އަންނައިރު، ފިރިހެން ޓީމުން މިހާތަނަށް ވަނީ ދެ މެޗެއް ކުޅެފައެވެ. އެ ދެ މެޗުންވެސް ފިރިހެން ޓީމު ވަނީ ލަންކާ އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. މި މެޗުތަކުގެ ކުރިން ވޮލީ ޓީމުތަކުން ވަނީ ދާދި ފަހުން ތައިލެންޑުގެ ބެންކޮކުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފައެވެ.

އަދި މީގެ ކުރިންވެސް ދެ ފަަހަރެއްގެ މަތިން ލަންކާ ޓީމު ވަނީ މާލެ އައިސް ރާއްޖޭގެ ފިރިހެން ޓީމާއެކު މެޗުތަކެއް ކުޅެފައެވެ. އެ ގޮތުން 2019 ވަނަ އަަހަރުގެ އައިއޯއައިޖީގެ ކުރިންނާއި, 2021 ވަނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކުރިން ލަންކާ ޓީމުން ވަނީ މާލޭގައި މެޗުތަކެއް ކުޅެފައެވެ.

ޤައުމީ ފިރިހެން ވޮލީ ޓީމަށް މުޙައްމަދު ސާޖިދު (ކާއްޓޭ) އިރުޝާދުދެމުން އަންނައިރު، އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ހުރީ ތައިލެންޑުގެ ވިޗީޕޮންއެވެ.

މި ފަހަރުގެ އައިއޯއައިޖީ ކުރިއަށްދާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.