ޚަބަރު

އެތައް އަހަރަކަށްފަހު އަމިއްލަ ނަމުގައި ގޯއްޗެއް، އުފަލުން ރޮއްވާލައިފި


  • މާލެއިން ގޯތި ދޫނުކުރާތާ 40އަހަރު ވެއްޖެ

  • 19000އަށްވުރެ ގިނަ މީހުންނަށް ގޯތި ލިބޭ

  • މާލޭގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވާނެ

މިއީ މާލޭގެ ރައްޔިތުންގެ ވަރަށް ދިގު އިންތިޒާރެކެެވެ. ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުން، އެމީހުންގެ އުފަން ރަށުން އަމިއްލަ ބިން ލިބި ގޯތިގެދޮރު އަޅާ ދިރިއުޅެމުން އައިނަމަވެސް، މާލޭގެ ރައްޔިތުން ތިބީ އެ އުފަލުން މަޙްރޫމުވެފައެވެ.

މައިންބަފައިންގެ ފަރާތުން ވާރުތަވި ގޯތިތައް، ފޮތޮފޮތިކޮށް، ކުދިކުދި ގޮޅިއަށް ބަހާ ދިހަ ބާރަ އާއިލާ، އެއް ގެއެއްގައި ދިރިއުޅެން ވަނީ މުޖުބޫރުވެފައެވެ. އަދި މިވަރުވެސް ނެތި، މުޅި އުމުރު ކުލި ދައްކައިގެން ދިރިއުޅެން މަޖުބޫރުވެފައިވާ އެތައް އާއިލާތައްވެސް މަދެއް ނޫނެވެ.

މާލޭގެ އަބާދީ 60،000އިން މައްޗަށް އަރައެވެ. ނަމަވެސް މި ވޭތުވެދިޔަ ސާޅީހަކަށް އަހަރަށް ބަލާއިރުވެސް، މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ގޯތި ދޫކުރުމުގެ މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެހެން ރަށްރަށުގެ ރައްޔިތުންނަށް އެމީހެއްގެ އުފަން ރަށުން އެއްވެސް އަގަކާ ނުލައި ބަންޑާރަ ގޯތި ލިބޭއިރު، މިއީ މާލޭގެ ރައްޔިތުންނަށްވެސް އޮންނަންވާނެ ޙައްގެއްކަމަށް އެމީހުން ޤަބޫލުކުރެއެވެ.

މި ސަރަޙައްދުގެ ތޮއްޖެހުން ޙައްލުކޮށް، ލުއި ދިރިއުޅުމެއް ހޯދައިދިނުމަށް އޭރުގެ ސަރުކާރުން ތަރައްޤީކުރީ ހުޅުމާލެއެވެ. ނަމަވެސް ހުޅުމާލެއިންވެސް މާލޭގެ ރައްޔިތުންނަށް ޚައްސަކޮށް ގޯތި ދޫކޮށްފައެއް ނެތެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު ވެރިކަމާ ހަވާލުވެވަޑައިގެން، 3ވަނަ އަހަރު އިޢުލާނުކުރެއްވީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް 5000 ގޯތި ދޫކުރާނެކަމުގެ ވާހަކަފުޅެވެ.

އެކިއެކި ސަރުކާރުތަކުގައި މި ހުވަފެން ދައްކާ، ބިލާހެއްގެ ގޮތުގައި އޮތް މިކަން، ހަގީގަތަކަށް ވެދާނެބާއޭ އެތަށް ބަޔަކު ސުވާލު އުފެއްދިއެވެ. އެންމެ ބޮޑު ސަބަބަކީ އެކަމަށް ބޭނުންވާ ބިން މި ސަރަޙައްދުގައި ނެތުމެވެ. ނަމަވެސް ރަޢީސް ވަޢުދުވެ ވަޑައިގަތީ، މިހާރު މި ސަރަޙައްދުގައި ހުރި ބިމާއި، އަދި އިތުރަށް ބިން އުފައްދައިގެންވެސް މާލޭގެ ރައްޔިތުންގެ ހައްގުގައި އެކަން ކޮށްދިނުމަށެވެ.

އެގޮތުން ގުޅީފަޅު ހިއްކުމާއި، މާލެ އަތޮޅު ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފައްޓަވައި އެ މަސައްކަތް ބާރު ސްޕީޑުގައި އެދަނީ ހިނގަމުންނެވެ. އެ މަސައްކަތުގެވެސް މިހާރު %50 ނިމިއްޖެއެވެ. އަދި ސަރުކާރުން މިހާރު މިވަނީ މާލެއިން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެ، އެމީހުންނަށް ގޯތި ލިބޭ ތަން ކަނޑައެޅުމުގެ ގުރުއަތުލުން ނަގަން ފަށާފައެވެ.

23000އަށްވުރެ ގިނަ މީހުން ގޯއްޗަށް އެދި ހުށައެޅިއިރު، އޭގެތެރެއިން 19000އަށްވުރެ ގިނަ މީހުންނަށް މި ފުރުޞަތުގައި ގޯތި ދިނުމަށް ވަނީ ނިންމާފައެވެ.

ގުރުއަތުލުން ކުރިއަށްގެންދަނީ ގަލޮޅު ދަނޑުގައެވެ. ގުރުއަތު ނެގުމަށް އެތަށް ބަޔަކު ގަލޮޅު ދަނޑަށް ޖަމާވިއިރު، ކޮންމެ މީހަކުވެސް ކެތްމަދުވެފައި ތިބީ އެމީހާގެ އަމިއްލަ އުފަން ރަށުން، އަމިއްލަ ނަމުގައި ދިރިއުޅުން ގޯއްޗެއް ލިބުމަށެވެ.

ގުރުއަތުނެގުމަށްފަހު ނިކުން މީހުންގެ މޫނުމަތިން ފެނިގެންދިޔައީ އުފާވެރިކަމުގެ ޝުޢޫރެވެ. އާއިލާގެ އެހެން މެންބަރުންނާއެކު، އުފާފާޅުކޮށް އެކަކު އަނެކަކަށް މަރުޙަބާ ކިޔާ އުފާވެރި މަންޒަރެކެވެ.

"އަޅުގަނޑު މިއަދު ވަރަށް އުފާވެއްޖެ. ވަރަށް ޝުކުރުވެރިވަން. އަޅުގަނޑުމެން 10ވަރަކަށް މީހުން ކުޑަކުޑަ ގޭގައި ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައި." ހުޅުމާލެއިން ގޯތި ލިބުނު މީހަކު ކިޔައިދިނެވެ.

މިއީ ގޯތި ލިބޭ މީހާގެ އިތުރުން އާއިލާތަކަށްވެސް އުފާވެރި ދުވަހެވެ. ކުދިކުދި ކޮޓަރިތަކާއި، ބޮޑު ކުލި ދީގެން ދިރިއުޅެމުންއައި އުޅުން ނިމުމަކަށް އަންނާނެ ދުވަހަކަށް ކުރި އުއްމީދުގައި، ކުލަ ޖެހުމުގެ އުފަލެވެ.

"އަޅުގަނޑު އެންމެ އުފާވަނީ، އަޅުގަނޑުގެ ދަރިންނަށް ދިރިއުޅޭވެނެ އެމީހުންގެ އަމިއްލަ ގެއެއް ލިބޭނެތީ. 10ފޫޓުގެ ކުދި ކޮޓަރީގައި ވަރަށް ހާލުގައި ދިރިއުޅެމުން އައީ." އުމުރުން ދުވަސްވީ އަންހެނަކު ފާހަގަކުރިއެވެ.

ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ. ގޯތި ލިބޭ މީހުންގެ ތެރެއިން ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ، ގޯތި ކަނޑާ ހަވާލުކުރުމަށްވެސް މިހާރު ވަނީ ތައްޔާރުވެފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެދަށުން ކުރިއަށްގެންދިޔަ މި މަސައްކަތަކީ، މާލޭގެ ރައްޔިތުން އެތަށް ޒަމާންތަކެއް ވަންދެން އުޅުނު ދަތި ދިރިއުޅުން އަލުން އާރާސްތުކުރުމަށް ލިބުނު ވަރަށް ބޮޑު އުއްމީދެކެވެ.