ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކުރަމުން އަންނަ ކެމްޕެއިނަށް ހުރަސް ނާޅައި، ރީތި ކެމްޕެއިނެއް ކުރުމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން ތަރުޖަމާނު އަދި ޑިފެންސް މިނިސްތަރ މާރިޔާ އަޙްމަދު ދީދީ ގޮވާލައްވައިފިއެވެ. މާރިޔާ މިފަދައިން ގޮވާލެއްވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞަލިޙް، ކެމްޕެއިންގައި ރަށްރަށަށް ވަޑައިގަތުމުން އެމަނިކުފާނުގެ ކެމްޕެއިނަށް އިދިކޮޅު ފަރާތްތަކުން ހުރަސްއަޅާކަަމށް ތުހުމަތުކުރައްވާ އެކަން ކުށްވެރިކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ކެމްޕެއިންކުރެއްވުމަށް ރަށްރަށަށް ވަޑައިގަތުމުން ބައެއް ފަރާތްތަކުން ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެފަދަ ހަމަނުޖެހުން ހިންގާ ފަރާތްތައް ހުއްޓުވުމަަށް ފުލުހުންނާއި ސިފައިން ކުރާ މަސައްކަތުގައި އާއްންމުނަށް އަނިޔާ ކުރާކަން ދެއްކުމަށްޓަކައި އިދިކޮޅުން މަސައްކަތް ކުރަމުން އަންނަކަމަށް މާރިޔާ ތުހުމަތުކުރެއްވިއެވެ. މާރިޔާ ވަނީ އިދިކޮޅުން ހަމަނުޖެހުން ހިންގާ ސުލްޙަ ނަގާލުމަށް މަސައްކަތް ކުރަމުން އަންނަނީ "ފޯޓޯ ޝޮޓެއް" ހޯދުމުގެ ނިޔަތުގައިކަމަށް ސިފަކުރައްވާފައެވެ.
މާރިޔާ ވިދާޅުވީ ރަށްރަށުގައި ވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެކަމަށާއި، ނަމަވެސް އެކަން ކުރައްވާނީ އެއްވެސް ކެންޑިޑޭޓެއްގެ ޙައްޤަށް އަރައިނުގަންނަ ގޮތަކަށްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެ ނޫންވެސް ކެނޑިޑޭޓެއް ރަަށަކަށް ވަޑައިގަންނަވާއިރު އެ ބޭފުޅުންގެ ހަށިކޮޅަށް ގެއްލުންވާގޮތަށް، ކެމްޕެއިންކުރުމުގެ ހައްގަށް އަރައިގަނެވިގެން ނުވާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
ވޯޓަކީ ސިޔާސީ އެއްޗެއް ނޫން ކަމަށާއި އެއީ ގައުމީ ތަރައްގީގައި ބައިވެރިވުންކަން ސިފަކުރައްވާ މާރިޔާ ވިދާޅުވީ ހުރިހާ ރައްޔިތުންވެސް އެކަމުގައި ޝާމިލު ކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށް ހުރަސް އަޅާނަމަ ސިފައިންނާއި ފުލުހުންގެ އެހީ ހޯދައި އެކަން ހުއްޓުވާނެކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
"ފޮޓޯ ޝޮޓެއް ހޯއްދަވާލެއްވުމަށް އިދިކޮޅުން އެކަން އެގޮތަށް ނުކުރައްވާ. ހުރިހާ ކެންޑިޑޭޓުންގެ ވެސް އަޑު އިއްވުމަށް ޖާގަ ދެއްވާ. ޑިމޮކްރެޓިކް ޕްރޮސެސް އިހުތިޔާރު ކުރައްވައި އެނޫން ގޮތްގޮތަށް ނޫޅުއްވުމަށް އިލްތިމާސް ކުރަން." މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ސިޔާސީ މަސްރަހު އެންމެ ހަލަބޮލިވި ދުވަސްވަރުވެސް އެމްޑީޕީން އިދިކޮޅުގައި އޮވެގެން އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށެވެ. އަދި މިހާރުވެސް އެމްޑީޕީން އެހެން ކެންޑިޑޭޓުންގެ ކެމްޕެއިނަށް ހުރަސްއަޅަމުން ނުދާކަމަށް މާރިޔާ ވިދާޅުވިއެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި މާރިޔާ ވަނީ އެމްޑީޕީގެ ޖަގަހަތަކުގައި ރޯކޮށް ޖަގަހަތަކަށް ގެއްލުން ދެމުންދާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާ އެކަން ކުށްވެރިކުރައްވާފައެވެ.