ޚަބަރު

ގޯތިދޭ ސަރަޙައްދުތައް ކަނޑައެޅުމުގެ ގުރުއަތުލުން ހަފްތާއަކަށް ކުރިއަށްދާނެ


  • ގުރުއަތު ނަގަނީ ފޯމު ހުށައެޅި ތަރުތީބުން

  • ގުރުއަތުގައި އެމީހަކަށް ގޯތި ލިބޭ ތަނާއި، ޕްލޮޓް ނަންނަބަރު އިނގޭނެ

  • ގުރުއަތުލުން ނިމޭނީ 7-10 ދުވަހުން

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭނެ ސަރަަހައްދުތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން ފަށައިފިއެވެ.

ގުރުއަތުލުން ފަށާފައިވަނީ މިއަދު މެންދުރު ކުރި، 12.00 ހާއިރު، ގަލޮޅު ދަނޑުގައެވެ.

ބިންވެރިޔާ ސްކީމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. މި ފުރުޞަތުގައި 23000 އަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިއިރު، ޝަރުތު ހަމަވާ ދާއިމީ ލިސްޓްގައި 19639 މީހުން ގޯއްޗަށް ޝަރުތު ހަމަވާވާކަމަށް ވަނީ ކަނޑައަޅަފައެވެ. މީގެތެރިން މި ދައުރުގަައި 18955 މީހުންނަށް ގޯތި ދޭނެއެވެ.

ފުރަތަމަ ގުރުއަތުލުން ކުރިއަށްގެންދަނީ މި 18955 މީހުންގެއެވެ. ގުރުއަތު ނަގަން މިހާރު ފަށާފައިވާއިރު، ފުރަތަމަ ދެ ދުވަހު ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށްގެންދަނީ ގަލޮޅު ދަނޑުގައެވެ. އަދި އެއަށްފަހު ގުރު ނެގުން ކުރިއަށްގެންދާނީ ހެންވޭރު ދަނޑުގައެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ގުރުއަތު ނެގުން ކުރިއަށްގެންދަނީ ފޯމު ހުށައެޅި ތަރުތީބުންނެވެ.

ދާއިމީ ލިސްޓް އިޢުލާން ކުރިއިރު، އެމީހަކަށް ލިބޭ ގޯތީގެ ބޮޑުމިން ވަނީ އަންގާފައެވެ. ގުރުއަތުން ނަގާ ކަރުދާސްކޮޅުގައި އެމީހަކަށް ގޯތި ލިބޭ ތަނާއި، ޕްލޮޓް ނަންބަރު އިނގޭނެއެވެ.

ސަރުކާރުން ގޯދި ދިނުމަށް ކަނޑައަޅާފައިވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ. ގުރުއަތު ނަގާ ކަރުދާސްކޮޅުތައް އަޅާފައިވާ ބަކެޓުގައި ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުގެ ޕްލޮޓްތައްވެސް ހިމެނޭނެއެވެ. އެމީހަކަށް ގޯތި ލިބެނީ، ނަގާ ކަރުދާސްކޮލުގައި އިންނަ ރަށެއްގެ ޕްލޮޓް ނަންބަރަށެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގުރުއަތު ނެގުމުގެ މަސައްކަތް 7-10 ދުވަހުން ނިންމާލެވޭނެކަމަށެވެ. އަކްރަމް ވިދާޅުވީ، ގޯތީގެ ލިޔުން މިއަދުވެސް ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ.

އަކްރަމް ވިދާޅުވީ، ގޯތީގެ ލިޔުން ދޭނީ ނަމެއްގައި ދޭ ލިޔުމެއްގެ ގޮތުގައި ނޫންކަމަށެވެ. އަދި ހަވާލުކުރާނީ ގޯތީގެ ރެޖިސްޓްރީ ކަމަށާއި، އޭގެ މަސައްކަތްތައް މިއަދުން ފަށައިގެން ކުރާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެން ފަށާނީ ގޯތީގެ ލިޔުން ހަވާލުކުރުން. މިއަދު ގުރުއަތު ނެގި ވަގުތު ހަވާލުކުރަން މަސައްކަތްކުރީ. ނަމަވެސް ގަޑިއަށް ކުޑަ ބަދަލެއް އައުމާއި ގުޅިގެން ނުފެށުނީ. މަސައްކަތް މިކުރަނީ މިއަދުވެސް ލިޔުން ހަވާލުކުރަން ފެށޭތޯ." އަކްރަމް ވިދާޅުވިއެވެ.

ގޯތި ލިބޭ މީހުންގެ ތެރެއިން ހުޅުމާލެއިން ގޯތި ލިބުނު މީހުންގެ، ގޯތި ކަނޑާ، ޕްލޮޓް ބެލޭނެ އިންތިޒާމް މިއަދު ހަވީރުން ފެށިގެން ކުރިއަށްދާނެކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެއެވެ.

ގޯތި ލިބުނު މީހުންގެ ތެރެއިން، މިދައުރުގައި ގޯތި ނުދެވޭ 684 މީހުންނަށް ބިން އިތުރަށް ހަމަޖެހުމުން ގޯތި ދެއްވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މި 684 މީހުންނަކީ ކައިވެނިނުކުރާ، އަދި ދަރިންވެސް ނެތް އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ މީހުންނެވެ.