ސުޕްރީމް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމްތައް ވެރިކަމުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ތެރޭގައި ތަންފީޒުކުރާނެކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޢުމަރު ނަސީރު މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް އަމާޒުކޮށްގެން ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ފެށި "ރިޔާސީ ކެނޑިޑޭޓްއާއިއެކު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޢުމަރު ނަސީރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެންމެ ބޮޑަށް އަމާޒުކުރައްވާނީ ރާއްޖެއަކީ އަމާން ތަނަކަށް ހެއްދެވުމަށްކަމަށެވެ. އަދި ކޯޓު މަރުހަލާ ނިމި އާއިލާގެ ހުރިހާ މެންބަރުންގެ ރުހުން ލިބިއްޖެނަމަ އޭނާގެ ވެރިކަމުގައި މަރުގެ އަދަބު ތަންފީޒުކުރައްވާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ޝަރުއީ ހުރިހައި މަރުހަލާއެއް ނިމިފައިތިބި މީހުންގެ ހުކުމް ތަންފީޒް ކުރެވޭނެ." އުމަރު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޢުމަރު ނަސީރު ވަނީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކޮށްދޭނެކަމުގެ ޔަޤީންކަންވެސް ދީފައެވެ. އެގޮތުން އޭނާގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ބިދޭސީން ގަވާއިދާ ހިލާފަށް ކުރަމުންދާ ވިޔަފާރިތައް ބަންދުކުރާނެކަމަށް ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ބިދޭސީންނަށް ވިޔަފާރި ކުރެވޭނީ މިނިސްޓްރީގައި އެކަމަށް ރަޖިސްޓްރީކޮށްގެން ދައުލަތަށް ދައްކަންޖެހޭ ރޯޔަލްޓީ ދައްކައިގެންކަމަށް ޢުމަރު ވަނީ ވިދާޅުވެފައެވެ.
“ރާއްޖޭގައި މިހާރު މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 1 ލައްކަ މީހުން 5 އަހަރުގެ ތެރޭގައި އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާނަން. ރާއްޖޭގެ ލޭބަރ މާކެޓަށް ބޭނުންވާ ބިދޭސީން ގެނެވޭނެ. އެކަމަކު އެއްވެސް ބިދޭސީއަކަށް ޤަވައިދާ ހިލާފަށް ވިޔަފާރިއެއް ނުކުރެވޭނެ. ރާއްޖެއަށް ބިދޭސީން އަންނަންވާނީ ޖޮބަކަށް. އެ ޖޮބް އޭނާ އަދާކުރަމުން ގެންދަންވާނީ. ވަރަށް ގިނަ އަދަދެއްގެ ވިޔަފާރިތައް ބިދޭސީން ނަގައިފި" ޢުމަރު ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ސަރުކާރުން ބައެެއް ވިޔަފާރިތަކަށްވަނުން ހުއްޓާލާނެކަމަށާއި އަދި ސަރުކާރު ބައެއް ކުންފުނިތައް ޕްރައިވަޓައިޒްކޮށް އަމިއްލަ ކުންފުނިތަކުގެ އަތްމައްޗަށް ސިނާއަތް ދޫކޮށްލާނެކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާނީ ހަމައެކަނި ޒަރޫރީ ތަކެތީގެ ވިޔަފާރިތައްކަމަށެވެ.
އުމަރުގެ ވާހަކައިގައި ރާއްޖޭގެ ޓެކްސް ނިޒާމް ބަދަލުކޮށް އެންމެ ކުދި މައިކްރޯ ކުންފުނިތަކުން ޓެކްސް ނުނަގާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެންމެ ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރެއް އަދި އެންމެ އުތުރުން އައްޑޫގައި ފްރީ ޓްރޭޑް ޕޯޓް ޒޯނެއް ތަރައްޤީކުރާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.