ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2023 ގެ ބާ ޒޯނުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ފިނޮޅުން ހޯދައިފިއެވެ.
މުބާރާތުގެ ބާ ޒޯނުގެ ޗެމްޕިއަންކަން ފިނޮޅުން ހޯދީ ފައިނަލުގައި އަނަންތަރާ އާއި ވާދަކޮށް 5-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަނަންތަރާ އިންނެވެ. މިލަނޑު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ ޖުނައިދެވެ. ފިނޮޅުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު އިސްމާއިލް އުމަރު ކާމިޔާބުކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން އެޓީމުގެ އިބްރާހިމް ނާފިޒު ވަނީ ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ފުރަތަަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނަންތަރާގެ ރަޝާދު އަބްދުލް މަތީން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެޓީމަށް އެއްވަރުކޮށްދީފައެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 އިން އެއްވަރުވެގެންނެވެ. ފިނޮޅުން މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ފަޔާޒެވެ. އަދި މެޗު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް އެޓީމުގެ އާދަމް އިމްޖާދު ވަނީ ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި އަނަންތަރާ އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފަހުހާފުގެ 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަޝާދު އަބްދުލް މަތީން އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-3 ގެ ނަތީޖާއަކުން ފިނޮޅު ކުރީގައި އޮވެގެންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ފިނޮޅުގެ އިސްމާއިލް އުމަރު އެވެ.
މި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމަށް ވަނީ ދެ ކުޅުންތެރިއަކު ހޮވިފައެވެ. އެއީ އަނަންތަރާގެ ރަޝާދު އަބްދުލް މަތީން އާއި ފިނޮޅުގެ އިސްމާއިލް އުމަރު އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ މުހައްމަދު ތިހާމް (ފިނޮޅު), އަލީ ޖުނައިދު (އަނަންތަރާ), އިބްރާހިމް ނާފިޒު (ފިނޮޅު), ރަޝާދު އަބްދުލް މަތީން (އަނަންތަރާ) ގެ އިތުރުން އައްސަދު މޫސާ (ފިނޮޅު) އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް މުޚްތާރު ނަސީރު (ޓޫކިލޯ) ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިނޮޅުގެ އިސްމާއިލް އުމަރެވެ.
މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދާފައިވަނީ ނޮޓިލަސް އެވެ.