ކުޅިވަރު

ލަންކާއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުންވެސް އަންހެން ވޮލީ ޓީމު ބަލިވެއްޖެ


މަޑަގަސްކަރަގައި މި މަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުންވެސް ޤައުމީ އަންހެން ވޮލީބޯޅަ ޓީމު ބަލިވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުން އަންހެން ޓީމު ބަލިވީ 3-1 ސެޓުންނެވެ. މި މެޗުގައި ރާއްޖެއިން އެ ސެޓު ގެންދިޔައިރު، ލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން އަންހެން ޓީމު ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި ލަންކާއިން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ ފުރަތަމަ ސެޓު 25-17 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ދެވަނަ ސެޓުގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ސެޓު ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެއާއެކު ރާއްޖެއިން މި ސެޓު ގެންގޮސްފައިވަނީ 26-24 އިންނެވެ.

ނަމަވެސް އޭގެ ފަހުން މި މެޗުގައި ރާއްޖޭގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، އަނެއް ދެ ސެޓު ލަންކާއިން ގެންގޮސްފައިވަނީ 25-17 އަދި 25-14 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލަންކާ ޓީމުގެ އަސްޕަރާއެވެ.

އައިއޯއައިޖީއަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ވޮލީ ޓީމުތަކުން މާލޭގައި ލަންކާއާ ދެކޮޅަށް މެޗުތަކެއް ކުޅެމުން އަންނައިރު، ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ވަނީ ލަންކާ އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. މި މެޗުތަކުގެ ކުރިން ވޮލީ ޓީމުތަކުން ވަނީ ދާދި ފަހުން ތައިލެންޑުގެ ބެންކޮކުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފައެވެ.

އަދި މީގެ ކުރިންވެސް ދެ ފަަހަރެއްގެ މަތިން ލަންކާ ޓީމު ވަނީ މާލެ އައިސް ރާއްޖޭގެ ފިރިހެން ޓީމާއެކު މެޗުތަކެއް ކުޅެފައެވެ. އެ ގޮތުން 2019 ވަނަ އަަހަރުގެ އައިއޯއައިޖީގެ ކުރިންނާއި, 2021 ވަނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކުރިން ލަންކާ ޓީމުން ވަނީ މާލޭގައި މެޗުތަކެއް ކުޅެފައެވެ.

ޤައުމީ ފިރިހެން ވޮލީ ޓީމަށް މުޙައްމަދު ސާޖިދު (ކާއްޓޭ) އިރުޝާދުދެމުން އަންނައިރު، އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ހުރީ ތައިލެންޑުގެ ވިޗީޕޮންއެވެ.

މި ފަހަރުގެ އައިއޯއައިޖީ ކުރިއަށްދާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.