ދުނިޔެ

ތުރުކީވިލާތުގައި ބޮމެއް ގޮވައި 34 މީހުން މަރުވެއްޖެ


ތުރުކީވިލާތުގެ ވެރިރަށް އަންކަރާގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން 34 މީހުން މަރުވެ، 125 މީހުން ޒަޚަމްވެއްޖެއެވެ. ތުރުކީގެ މަސްއޫލުވެރިން ވިދާޅުވީ މިއީ މީހަކު އަމިއްލައަށް މަރުވެގެން ދިން ޙަމަލާއެއްކަމަށް ބެލެވޭކަމަށާއި، މި ޙަމަލާދިނީ އަންކަރާގެ މެދުތެރޭގައިވާ ކިޒިލީ މައިދާނުގައި ކަމަށެވެ.

ތުރުކީވިލާތުގެ ވެރިރަށް އަންކަރާގައާއި އެޤައުމުގެ އެހެން ސަރަޙައްދުތަކުގައިވެސް އަމިއްލައަށް މަރުވެގެން ޙަމަލާދިނުމާއި ކާރުބޮން ގޮއްވާލުން ފަދަ ޓެރަރިސްޓް ޙަމަލާތައް ދިނުން މިފަހަކަށް އައިސްދަނީ ވަރަށް ބޮޑަށް އިތުރުވެ އާންމު ވަމުންނެވެ. މިއީ ތުރުކީވިލާތުގެ އަމަނާބެހޭ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. މިފަދަ ކޮންމެ ޓެރަރިސްޓް ޙަމަލާއަކާއެކު ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ސަރުކާރަށް ކުރިމަތިވާ ފިއްތުންތައް ދަނީ އިތުރުވަމުންނެވެ. މިއީ އުރުދުޣާންގެ ވެރިކަމުގައި ތުރުކީވިލާތުން ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ނުސީދާ ގޮތެއްގައި ވަންނަމުން ދިޔުމާ އަދި ކުރުދީންގެ ސިޔާސީ އަދި އިޖްތިމާޢީ ހައްގުތަކަށް މަސައްކަތްކުރާ ޕީކޭކޭ ޖަމާއަތާ ދެކޮޅަށް ކުރަމުން ގެންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައާ ގުޅިފައިވާ ޙަމަލާތަކެއް ކަމަށް ވަނީ ބެލެވިފައެވެ.

ތުރުކީވިލާތުގައި ބޮންގޮއްވައިގެން ދޭ ޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް މިހާތަނަށް އެއްބަސްވެ އިޢުތިރާފް ވެފައިވާ ދެ ޖަމާއަތަކީ ސޫރިޔާގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތާއި ތުރުކީވިލާތުން އެޖަމާއަތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާ ޕީކޭކޭ ޖަމާއަތެވެ. ތުރުކީވިލާތުގެ އަމަނާބެހޭ މަސްއޫލުވެރިން ތުހުމަތުކުރައްވަނީ އާދީއްތަ ދުވަހުގެ ރޭ އަންކަރާއަށް ދިން ބޮމުގެ ޙަމަލާގެ ފަހަތުގައިވާނީވެސް މި ދެ ޖަމާއަތުން ކުރެ ޖަމާއަތެއް ކަމަށެވެ. އާދީއްތަ ދުވަހުގެ ރޭ ދިން ބޮމުގެ ޙަމަލާގައި ޒަޚަމްވި މީހުންގެ ތެރެއިން ގިނަބަޔަކު ފުރާނައަށް ނުރައްކާވާ ޙާލަތުގައި ތިބުމުގެ ސަބަބުން މިޙަމަލާގައި މަރުވާނެކަމަށް ބެލެވޭ މީހުންގެ އަދަދު 50 އަށްވުރެ އިތުރުވެގެންދާނެކަމަށް ތުރުކީވިލާތުގެ ސިއްހަތާބެހޭ މަސްއޫލުވެރިން ލަފާކުރައްވައެވެ. މިޙަމަލާގައި މަންޒަރު ދުށް އާންމު ރައްޔިތަކު ބުނީ މިއީ ވަރަށް ބާރުގަދަ ގޮވުމެއް ކަމަށާ މިގޮވުމާއެކު ބިޔަ އަލިފާން ބޯޅައެއް ފެނިގެންދިޔަކަމަށެވެ.

"ބޮންގޮއްވާލިއިރު އަހަރެންހުރީ ޝޮޕިންގް ސެންޓަރެއްގެ ކުރިމަތީގައި ވަރަށްބޮޑަށް ބިރުގެންފާ، އަހަރެން ވެއްޓުނީ ބިންމައްޗަށް، ކުރަންވީކަމެއް އަހަރެންނަކަށް ނޭންގުނު، އެއްވެސް މީހަކަށް މިފަދަ ހާލަތެއް ކުރިމަތިނުވުމަށް އަހަރެން އެދެން، އެއީ ދުނިޔެ ނިމުން ކަހަލަ ކަމެއް، ބާރުގަދަ ގޮވުމާއެކު ބޮޑު އަލިފާން ބޯޅައެއް ފެނިގެންދިޔަ، އެއަށްފަހު ދޮޅުގަޑިއިރު ފާއިތުވިއިރުވެސް އަހަރެންގެ ހިތުގެ ތެޅުންއަދިވެސް ވަނީ އަވަސްވެފާ،އަހަރެން އަދިވެސް މިހުރީ ޝޮކެއްގައި، މިއީ ވަރަށް ބޮޑަށް ނޭވާ ހިފަހައްޓާލަންޖެހުނު ވަގުތުކޮޅެއް."

މިހާދިސާއާ ގުޅިގެން ކަންބޮޑުވެފައިވާ ތުރުކީވިލާތުގެ ރައްޔިތުން ގެންދަނީ މިފަދަ ބޮޑު އަދި ނުރައްކާތެރި ޓެރަރިސްޓް ޙަމަލާއެއް ދިން މީހާ، ގޮވާތަކެއްޗާއެކު އެޤައުމުގެ ވެރިރަށް އަންކަރާގެ މެދުތެރެއަށް ދިޔަ ގޮތާމެދު އެތަކެއް ސުވާލު އުފައްދާފައެވެ. ނަމަވެސް މިސުވާލުތަކަށް ޖަވާބު ދިނުމަށް ތުރުކީވިލާތުގެ އަމަނާބެހޭ މަސްއޫލުވެރިން ވަނީ ނުކުޅެދިފައެވެ.