ޚަބަރު

އެންމެ ފަޚުރުވެރިވަނީ ޒުވާނުންނަށް ހޯދައިދެވުނު ތަޢުލީމްގެ ފުރުޞަތުތަކަށް: ރައީސް


  • ޒުވާނުން ބޭނުންވަނީ އެމީހުންގެ މުސްތަގުބަލު މިއަދަށް ވުރެ ފަހިވެ އުޖާލާވާންކަމަށް ވިދާޅުވި

  • ތަޢުލީމްގެ ގިނަ ފުރުޞަތުތަކެއް މި ދައުރުގައި ވަނީ ހޯދާދެވިފައިކަމަށް ވިދާޅުވި

ނިމިގެންމިދާ ރިޔާސީ ދައުރުގައި އެންމެ ފަޚުރުވެރި މަސައްކަތަކަށް ކުރެވުނީ ޒުވާނުންނަށް ތަޢުލީމްގެ ފުރުޞަތުތައް ހޯދައިދިނުމަށް ކުރި މަސައްކަތްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެލިދޫގައި ބޭއްވި ބައްދަލުވުމުގައި ރައީސްގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ ޒުވާނުންނާ ގުޅޭ ގޮތުންނެވެ. ރައީސް ވިދާޅުވީ ނިމެމުން މިދާ ދައުރުގައި ޒުވާނުންގެ ކުރިއެރުމަށް ކުރެވުނު އެންމެ ފަހުރުވެރި މަަސައްކަތަކީ ޒުވާނުންނަށް ތައުލީމު ހޯދައިދިނުމަށް ކުރެވުނު މަސައްކަތްތައް ކަމަށެވެ.

ޒުވާނުން ބޭނުންވަނީ އެމީހުންގެ މުސްތަގުބަލު މިއަދަށް ވުރެ ފަހިވެ އުޖާލާވާން ކަމަށާއި އެމީހުން ބޭނުން ވަނީ ގިނަ ފުރުސަތުތައް ތަނަވަސްވުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ތައުލީމާއި ތަމްރީނުގެ ގިނަ ފުރުސަތުތައް ޒުވާނުންނަށް ފަހިކޮށްދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހުރިހާ ކަމެއްގެ ތެރެއިން ވެސް އަޅުގަނޑު އެންމެ ފަހުރުވެރިވާ ކަމަކީ އަޅުގަނޑުމެން ޒުވާނުންނަށް ތައުލީމު ހޯދައިދިނުމަށްޓަކައި ކުރެވުނު މަސައްކަތް. އާދެ ޒުވާނުން ބޭނުންވަނީ ތައުލީމީ ހުނަރު އިތުރުކުރުމުގެ ފުރުސަތު." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީށް މިހެން ވިދާލުވެފައިވާއިރު، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތާއި ސްކޯލަރޝިޕްގެ ގިނަ ފުރުޞަތުތަކަށް މިދައުރުގައި ސަރުކާރުން ވަނީ ފަހިކޮށްދެއްވާފައެވެ.

އިޖުތިމާއީ މައްސަލަތައްވެސް ޒުވާނުންގެ މެދުގައި ގިނަކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ. ޑްރަގުގެ މައްސަލަ ހައްލުކުރަން ދެވެނީ ރަނގަޅު މަގުން ކަމަށާއި ކުރިއަށް އޮތްތަނުގައި ކޮންމެ ބާވަތެއްގެ ކުށަކަށް ހުށަހެޅޭ ފަރާތެއް ނަމަވެސް ކުށުގެ ޒިންމާ ނަގާ ނިމުމުން ހާއްސަ ޓްރީޓްމެންޓު ޕްލޭނުގެ ދަށުން ފަރުވާދީ ރިހިބިލޭޓު ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިންތިހާބުގެ ކެމްޕޭނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޞާލިހު ގެންދަވަނީ ރަށްރަށަށް ކޮށްދެއްވާނެ ކަންތައްތައް ހިއްސާކުރައްވަމުންނެވެ. މިގޮތުން ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ ވެލިދޫގައި ބޯހިޔާވަހިކަމަށް ހައުސިން ޕްރޮޖެކްޓަކާއި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅުއްވައިދެއްވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ. އަދި ފުޓްބޯޅަ ދަނޑުގައި ލައިޓު ޖެހުމާއި ފުލުހުންގެ އާ އިމާރާތަކާއި އާ އިންޖީނުގެ އެއް އަޅުއްވާދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.