ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ށ. މިލަންދޫ ފުޓްސަލް ދަނޑާއި އައުޓްޑޯ ވޮލީބޯޅަ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރައްވައިފިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި މިލަންދޫ ފުޓްސަލް ދަނޑާއި އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ އިކޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަޙްމަދެވެ. އަދި އިކޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަންވަރެވެ.
މިލަންދޫ ފުޓްސަލް ދަނޑާއި އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ މަސައްކަތް ފަށާތާ 60 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މިލަންދޫ ފުޓްސަލް ދަނޑުގެ މަސައްކަތަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ތިން މިލިޔަން ހަތަރުސަތޭކަ ފަންސާސް ތިން ރުފިޔާ އެއް ލާރި ޚަރަދުކޮށްގެން ކުރިއަށްގެންދަން ނިންމާފަވާ މަޝްރޫޢެކެވެ. އަދި މިލަންދޫ ވޮލީ ކޯޓުގެ މަސައްކަތަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން އެއް މިލިޔަން އަށްލައްކަ ނުވަދިހަ ހަތްހާސް ހަތްސަތޭކަ ތިރީސް ނުވަ ރުފިޔާ އަށާވީސް ލާރި ޚަރަދުކޮށްގެން ކުރިއަށްގެންދަން ނިންމާފަވާ މަޝްރޫޢެކެވެ. އެހެންކަމުން މި ދެ މަޝްރޫޢަށް ޖުމްލަ ހަތަރު މިލިޔަން ނުވަލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ ނުވަދިހަ ދެ ރުފިޔާ ތިރީސް އެއް ލާރި ޚަރަދުވާނެއެވެ.