ޚަބަރު

އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައިފި


  • އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް، ޔޯރގަން ރާއްޖެ ވަޑައިގެންނެވީ މަމަހުގެ 9 ވަނަ ދުވަހު

  • އިންޓަޕޯލަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި

އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް، ޔޯރގަން ސްޓޮކް، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި އިންޓަޕޯލްގެ ނެޝަނަލް ސެންޓްރަލް ބިއުރޯ މާލެ އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް މެނޭޖްމަންޓާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، އިންޓަޕޯލާ ގުޅިގެން ކުރާ މަސައްކަތް އިތުރަށް ފުޅާކޮށް ރާއްޖެއާއި އިންޓަޕޯލާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އޭގެ އިތުރުން އޮގަސްޓް 10 ވަނަ ދުވަހު، އިންޓަޕޯލަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިންޓަޕޯލްގެ ބެނާ ކަނޑުއަޑީގައި ދަމާލުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވެވޑައިގެންނެވިއެވެ. ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް ތަމްސީލުކުރާ ގިނަ އަދަދެއްގެ މަންދޫބުންވެސް މި ހަރަކާތުގައި ބައިވެރިވިއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން ނުވަތަ އިންޓަރޕޯލްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޭދޭ ޤައުމުތަކުގެ ފުލުހުންގެ މެދުގައި އެއްބާރުލުން އުފެއްދުމާއި ކުށްކުރުން ކޮންޓްރޯލް ކުރުމަށް މަގުފަހިކޮށްދޭ ބައިނަލްއަގުވާމީ ޖަމްއިއްޔާއެކެވެ.

ފްރާންސްގެ ލިޔޯންގައި ހެޑްކުއާޓަރު ހުންނަ މިޖަމްޢިއްޔާއަކީ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގްވާމީ ފުލުހުންގެ ޖަމިއްޔާއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ޖަމްޢިއްޔާގެ 7 ސަރަހައްދީ ބިއުރޯ ހުރެއެވެ. ޖުމްލަ 195 މެމްބަރު ގައުމެއްގައި ނެޝަނަލް ސެންޓްރަލް ބިއުރޯ ހުރެއެވެ.

ދިވެހި ފުލުހުންވެސް އަންނަނީ އިންޓަރޕޯލްއާ ގުޅިގެން މިހާތަނަށްވެސް އެކި މަސައްކަތްތައް ކުރަމުންނެވެ.