ދުނިޔޭގެ ވިޔަފާރި

ޑްރައިވަރަކާއި ނުލައި ދުއްވާ "ރޮބޯ" ޓެކްސީގެ ޚިދުމަތް އެމެރިކާގައި ފަށަނީ


  • ހުއްދަ ދީފައިވަނީ ބޮޑު ދެ ކުންފުންޏެއްގެ ސަބްސިޑަރީތަކަކަށް

  • އިތުރު ސިޓީތަކަށްވެސް ޚިދުމަތް ފުޅާކުރުމުގެ ފުރުސަތު އެބައޮތް

  • ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގެ ސެން ފްރެންސިސްކޯ ސިޓީގައި ޑްރައިވަރަަކާއި ނުލައި، އޮޓޯއިން ދުއްވާ ޓެކްސީ، ނުވަތަ "ރޮބޯ ޓެކްސީ"ގެ ޚިދުމަތްދިނުމަށް ހުއްދަ ދީފިއެވެ.

ޑްރައިވަރަކާއި ނުލައި، ދުއްވާ ޓެކްސީގެ ހިދުމަތް ސެން ފްރެންސިސްކޯގައި ހުއްދަކޮށްފައި މިވަނީ އެ ސިޓީގެ ފުލުހުންނާއި ފަޔަރމަނުން އަދި ސޯޝަލް އެކްޓިވިސްޓުން އެކަމާއި ދެކޮޅު ހަދަމުންދަނިކޮށެވެ.

ޑްރައިވަރަކާއި ނުލައި ދުއްވާ ޓެކްސީގެ ހިދުމަތްދިނުމުގެ ހުއްދަ ކެލިފޯނިޔާ ސްޓޭޓްގެ ޕަބްލިކް ޔުޓިލިޓީސް ކޮމިޝަނުން ދީފައިވަނީ އެ ސްޓޭޓްގެ ސެން ފްރެންސިސްކޯ ސިޓީގެ 2 ކުންފުންޏަކަށެވެ. މީގެކުރިންވެސް މި ހުއްދަ އެ ކުންފުނިތަކަށް ދިނުމަށް މަސައްކަތްކުރިނަމަވެސް، އެކަން ވަނީ ދެ ފަހަރެއްގެ މަތިން މަޑުޖައްސާލާފައެވެ. އަދި ބުރާސްފަތި ދުވަހު އެ ހުއްދަ ދިނުމަށް ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ވޯޓް ނެގީވެސް އެކަމާއި ގުޅޭގޮތުން އާއްމުން ދެކޭގޮތް ބެލުމަށް ކުރިއަށްދިޔަ 6 ގަޑިއިރުގެ އަޑުއެހުންތަކަކަށްފަހުއެވެ.

އާއްމުންގެ ވާހަކަތަކަށްފަހު ކޮމިޝަނުގެ 4 މެންބަރުންގެ މެދުގައި ނެގި ވޯޓްގައި ޑްރައިވަރަކާއި ނުލައި ދުއްވާ ޓެކްސީއަށް ހުއްދަ ދިނުމަށް ދެކޮޅު ހެދީ އެންމެ މެމްބަރެކެވެ. އަނެއް 3 މެމްބަރުން ވޯޓް ދިނީ ޑްރައިވަރަކާއި ނުލައި ދުއްވާ ޓެކްސީއަށް ރަސްމީކޮށް ހުއްދަ ދިނުމަށެވެ.

ސެން ފްރެންސިސްކޯގައި އަގު ނަގައިގެން ރޮބޯ ޓެކްސީގެ ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވަނީ ވޭމޯ އާއި ކުރޫޒް ނަމަކަށް ކިޔާ ކުންފުންޏަށެވެ. ވޭމޯއަކީ މަޝްހޫރު ގޫގުލްގެ ބެލެނިވެރި ކުންފުނި، އެލްފަބެޓްގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏެކެވެ. އަދި ކުރޫޒްއަކީ ކާރު އުފައްދާ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޖެނެރަލް މޮޓޯސްގެ ސަބްސިޑަރީއެކެވެ. މި ދެ ކުންފުނިންވެސް ދިޔައީ މިދިޔަ އަހަރުން ފެށިގެން ސެން ފްރެންސިސްކޯގައި ހިލޭ ޓެސްޓް ދަތުރުތައް ބާއްވަމުންނެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި ޑްރައިވަރެެއް ބޭނުން ނުވާ ޓެކްސީގެ ހިދުމަތަށް އަގު ނެގުމުގެ ހުއްދަ ދިނުމަކީ އެ ހިދުމަތަށް އިތުރު ކުންފުނިތައް ވަދެ، ހިދުމަތް ފުޅާވެގެންދާނެ ނިންމުމެކެވެ. އެގޮތުން ރޮބޯ ޓެކްސީ ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ރައިވަލް ކުރޫޒްއިން އަންދާޒާކުރާ ގޮތުގައި 2025 ވަނަ އަހަރާއި ހަމައަށްދާއިރު އެ ހިދުމަތުން އަހަރަކު 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބޭނެއެވެ.

ޑްރައިވަރަކާއި ނުލާ ދުއްވާ ކާރުތައް ތަރައްގީކުރާތާ ދިހަވަރަކަށް އަހަރުވީ ނަމަވެސް، އެ ކާރުތައް ތަރައްގީކުރަން ފެށިއިރު ދަތުރުފަތުރަށް އަންނާނެކަމަށް ހީކުރެވުނު ބަދަލުތައް އައުން ލަސްވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އޭގެ މައިގަނޑު ސަބަބަކީ ސަލާމަތީ ކަންކަމާއި ގުޅޭ މައްސަލަތަކާއި ބައެއް ހައި ޕްރޮފައިލް އެކްސިޑެންޓްތައް ހިނގާ، މިފަދަ އުޅަނދުތަކާއި ގުޅޭގޮތުން ފެންމަތިވާ މައްސަލަތައް އިތުރުވުންކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ފާޑު ކިޔާ ފަރާތްތަކުން ބުނާގޮތުން ރޮބޯ ޓެކްސީތަކުގެ ސަބަބުން އެކްސިޑެންޓް އިތުރުވެ، ޓްރެފިކަށް ވަރަށް ބޮޑަށް ބުރޫއެރުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. އަދި ކުއްލިއަކަށް ކާރު ހުއްޓުމާއި އިމަރޖެންސީ ވެހިކަލްތަކަށް ޖާގަ ދޭން ނޭނގުންފަދަ މައްސަލަތައް މިފަދަ ކާރުތަަކަށް ވަރަށް ގިނައިން ދިމާވެފައިވާ ކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ފާޑު ކިޔާ އެހެން ބައެއް މީހުން ބުނާގޮތުން ރޮބޯ ޓެކްސީތަކަށް ސެން ފްރެންސިސްކޯގައި ހުއްދަ ދިނުމުން، ކެލިފޯނިޔާގެ އެހެން ސިޓީތަކަށްވެސް މި ހިދުމަތް ފުޅާވެ، ވަޒީފާގެ ބާޒާރުން ގިނަ އަދަދެއްގެ ވަޒީފާ މަދުވެގެންދިއުމުގެ ބިރު އެބައޮތެވެ.

ރޮބޯ ޓެކްސީތަކަށް ހުއްދަ ދިން ކެލިފޯނިޔާ ސްޓޭޓްގެ ޕަބްލިކް ޔުޓިލިޓީސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޑައިވަރުން ނެތް ކާރާއި ޑްރައިވަރު ތިބޭ ކާރުތަކުގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް އަޅާކިޔޭނެ މިންވަރަށް ޑޭޓާ ނުވަތަ މައުލޫމާތު އެއްކުރެވިފައިނުވާކަމަށެވެ. ނަމަވެސް ރޮބޯ ޓެކްސީތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީއަކީ ކާރުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމުގެ ގާބިލްކަން ހުންނާނެ ޓެކްނޮލޮޖީއެއްކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އަގު ނަގައިގެން ޑްރައިވަރަކާއި ނުލާ ދުއްވާ ޓެކްސީގެ ހިދުމަތަށް ހުއްދަ ދިނުމާއެކު އެކަމަށް އޮންނަ ޑިމާންޑް ބޮޑުވާނެކަމަށް އެ ހިދުމަތް ދޭ ކުންފުނިތަކުން އަންދާޒާކުރެއެވެ. އަދި އެކަމަށް ތައްޔާރުވުމަށް ޓެކްސީ ފްލީޓް ބޮޑުކުރުމަށް އެ ކުންފުނިތަކުން ވަނީ މިހާރުވެސް މަސައްކަތް ފަށާފައެވެ.

މީގެކުރިން މި ދެ ކުންފުނިންވެސް ދިޔައީ ޑްރައިވަރަކާއި ނުލާ ދުއްވާ ޓެކްސީގެ ޓެސްޓް ދަތުރުތައް ކުރަމުންނެވެ. އަގު ނަގައިގެން އެ ހިދުމަތް ރަސްމީކޮށް ފަށާނެ ތާރީހެއް ހާމަނުކުރިނަމަވެސް، އެ ހިދުމަތް ލަސްތަކެއް ނުވެ ފަށާނެކަމަށް ވެމޯ އާއި ކްރޫޒްއިން ބުނެއެވެ.