ޚަބަރު

ވެލިދޫ ޖޫނިއަރ ކޮލެޖްގައި އަހަރެއްހާ ދުވަހުގެ ތެރޭގައި މީހުން ތަމްރީންކުރަން ފެށޭނެ


  • ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 9 މަސްތެރޭގައި ނިންމާގޮތަށް

  • މިކޮލެޖް ތަރައްޤީކުރަނީ ޒަމާނީ ފެންވަރަށް މީހުން ބިނާކުރުމަށް ބޭނުންވާ ހުރިހާ ވަޞީލަތަކާއެކު

ކުރިއަށް އޮތް އަހަރުގެ ތެރޭގައި ނ.ވެލިދޫ ޖޫނިއަރ ކޮލެޖުގައި މީހުން ތަމްރީންކުރަން ފެށޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ނ.ވެލިދޫ ޖޫނިއަރ ކޮލެޖް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ. އެމްޓީސީސީއާއި މިމަޝްރޫޢު ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވިދާޅުވީ، މީހުން ތަމްރީންކޮށް ބިނާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެއްކަމަށެވެ. އެގޮތުން ރާއްޖޭގެ 6 ސަރަޙައްދެއްގައި ޓިވެޓް ސެންޓަރުތައް ތަރައްޤީކޮށް އެތަންތަނުގައި މީހުން ބިނާކުރަމުންދާއިރު ޖޫނިއަރ ކޮލެޖް މިއީ މިރޮނގުން ރާއްޖެ އެހެން ހަރުފަތަކަށް ގެންދާނެ މަޝްރޫޢެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިމަސައްކަތް ހަވާލުކުރީ 9 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް. މީގެއިން ފާހަގަކޮށްލެވޭ ނުކުތާއަކީ، މީހުން ބިނާކުރުން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެކަން މިކޮލެޖުގައި." މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގައި އެމްޓީސީސީން ސަރުކާރާއި ރައްޔިތުންގެ އިތުބާރު ހޯދާފައިވާކަމަށެވެ. އެހެންކަމުން ސްކޫލްތައް ޢިމާރާތްކުރުމުގެ ދާއިރާއަށް އެމްޓީސީސީ ނުކުތުން މިއީ ތާރީޚީ ކަމެއްގެ ގޮތުގައި އާޒިމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މީގެކުރިން ކުރިކަމެއް ނޫން ސްކޫލް ތަރައްޤީކުރުމަކީ. އެހެންނަމަވެސް މިމަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށް އެއިތުބާރު ކުރެއްވީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން." އާޒިމް ވިދާޅުވިއެވެ.

ވެލިދޫ ޖޫނިއަރ ކޮލެޖްގައި ސްމާޓް ކްލާސްރޫމްތަކާއި އައިސީޓީ ލެބޯޓްރީއަކާއި ލައިބްރަރީއެއްވެސް ހުންނާނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ. އަދި ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ މަލްޓިޕަރޕަސް ވޯކްޝޮޕްތައް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.

ވެލިދޫގައި ޖޫނިއަރ ކޮލެޖް ތަރައްޤީކުރުމަށް އެމްޓީސީސީއާއި ހަވާލުކުރައްވާފައިވަނީ 9 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް 11.91 މިލިއަން ރުފިޔާއަށެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އިބްރާހީމް ޙަސަންއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.