ހއ.ހޯރަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި ތަރައްޤީކުރާ 11 މަގުގައި ތާރު އަޅައި ނިންމާލައިފިއެވެ. މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ މިމަސައްކަތުގެ ދަށުން މިހާރުކުރަމުންދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ.
ހޯރަފުށީ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. 11 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާއިރު މިއީ ރަށަށް އުމްރާނީގޮތުން ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށް ހޯރަފުށީގެ ރައްޔިތުންނާއި ކައުންސިލުން ފާހަގަކުރެއެވެ. ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ 5.3 ކިލޯމީޓަރުގެ މަގުގައި ތާރުއަޅައިގެން ތަރައްޤީކޮށްފައިވެއެވެ. މީގެތެރޭގައި މީހުން ޢާއްމުކޮށް ބޭނުންކުރާ ރަށުގެ ޢާއްމު ޚިދުމަތްތައް ޤާއިމުކޮށްފައިވާ، ރަށުގެ މައި 6 މަގުވެސް ހިމެނެއެވެ.
މި މަސައްކަތުގެ ދަށުން 5303 މީޓަރުގެ މަގުގައި ވަނީ ތާރުއަޅާފައެވެ. އެމްޓީސީސީން ބުނީ މިމަސައްކަތުގެ ދަށުން މިހާރުކުރަމުންދަނީ ޕޭވްމަންޓް ނުހަދާ ހުރި މަގުތަކުގައި ގާއެތުރުމުގެ މަސައްކަތާއި، ސްޕީޑް ބްރޭކަރ ހަރުކޮށް ނިޝާންތައް ޖެހުމުގެ މަސައްކަތް ކަމަށެވެ. އަދި މިހާރު ތާރުއަޅާފައި ހުރި މަގުތަކުގައި ޕެޗް އަޅަންޖެހޭ ތަންތަން ދެނެގަނެ އެކަންވެސް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން ރައްކާތެރި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތަކީ މި މަޝްރޫގެ މަސައްކަތުތެރޭ ހިމެނޭކަންކަމެވެ.
އާބާދީގައި 3500 ހާ މީހުން ދިރިއުޅޭ ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ ރަށަށް އުމްރާނީގޮތުން ލިބުނު ބޮޑު ކުރިއެރުމެކެވެ. އުތުރުގެ ރަށްތަކުގެ ތެރެއިން އުމްރާނީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ހިނގަމުންދާ ހޯރަފުށި ކައުންސިލުގެ މެންބަރު އަހުމަދު ރައޫފް ވިދާޅުވީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެގެން ދިއުމުން ސްކޫލް ކުދިންނަށާއި، އުމުރުން ދުވަސްވީ ފަރާތްތަކަށާއި ޖުމްލަކޮށް މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ރައޫފް ވިދާޅުވީ އެއްގަމު އުޅަނދު ދުއްވާ މީހުން އަޑިގުޑަން މަގުތަކުގައި ދުއްވި ދުވަސްތައް މާޒީވެގޮސްފައިވާ ކަމަށެވެ.
"މީ އަސްލު ހޯރަފުށީ ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑަށް އެދިއެދި ތިބިކަމެއް، މިކަން ވެގެންދިއުމުން ކުރިން އަޑިގުޑަންވެފައި އޮތް މަގުތަކުގައި ދުއްވި ދުވަސްތައް މިހާރުވަނީ މާޒީވެގޮސްފައި" ކައުންސިލްގެ މެންބަރު އަހުމަދު ރައޫފް ވިދާޅުވިއެވެ.
އެއަރޕޯޓްއެއް ހުޅުވާ ޚިދުމަތް ދޭންފެށުމުން ހޯރަފުށީގައި ޓެކްސީ ކުރާމީހުންގެ އަދަދުވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެހެންކަމުން މަގުތައް ތަރައްޤީވެގެން ދިއުމުން ރަށުގެ އިޤްތިސާދުވެސް ކުރިއަރައިދާނެ ކަމަށް ކައުންސިލުން ދެކެއެވެ.
ހޯރަފުށީ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކުރައްވާފައިވަނީ 71.9 މިލިއަން ރުފިޔާއަށެވެ.