ޚަބަރު

ސްކޫލްތައް އެއްދަންފަޅިއަށް، ބެލެނިވެރިންނާ މުދައްރިސުންނަށްވެސް ބޮޑު ލުޔެއް


  • ސަރުކާރުގެ 216 ސްކޫލްގެ ތެރެއިން 156 ސްކޫލް ހިނގަނީ އެއްދަންފަޅިއަށް

  • އެއް ދަންފަޅިއަށް ސްކޫލްތައް ހިނގުމުން ކުދިން ގެއަށްދާނީ ސްކޫލްގެ ހުރިހާކަމެއް ނިމިގެން

  • އެއްދަންފަޅިއާއެކު ބެލެނިވެރިންނާއި ދަރިވަރުންނާއި ޓީޗަރުންނަށްވެސްވަނީ ބޮޑު ލުޔެއް ލިބިފައި

ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތާރީޚަށް ބަލާއިރު މުޅިންވެސް ރަށްރަށުގެ ސްކޫލްތައް ހިންގަމުން އައީ ދެދަންފަޅިއަށެވެ. މައިގަނޑު ސަބަބަކީ ޖާގައިގެ ދަތިކަމާއި ތަޢުލީމުގެ ފުރުސަތު ގިނަ ދަރިވަރުންތަކަކަށް ދިނުމެވެ. އެހެންނަމަވެސް މި ނިޒާމަކީ 21 ވަނަ ޤަރުނުގެ ތަޢުލީމީ މަންހަޖާއި ބީރައްޓެހި ވައްޓަފާޅިއެއްކަމަށް ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.

އެހެންކަމުން ތަޢުލީމީ ދާއިރާއަށް ސަރުކާރުން ކަނޑައަޅާފައިވާ އެންމެ މުހިއްމު އެއް ސިޔާސަތަކީ، ސަރުކާރު ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތެވެ. މީގެ ދަށުން ރާއްޖޭގައި ހިންގާ 216 ސްކޫލްގެ ތެރެއިން 156 ސްކޫލަކީ އެއް ދަންފަޅިއަށް ހިނގާ ސްކޫލްތަކެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ރަޝީދު ވިދާޅުވީ ސްކޫލްތައް ދެދަންފަޅިއަށް ކުރިއަށްގެންދިޔުމުގެ ސަބަބުން ދަރިވަރުންނަށް ލިބިދޭންޖެހޭ ގިނަ ފުރުސަތުތަކެއް ހަނިވެގެންދާނެކަމަށެވެ. އެގޮތުން އެއްދަންފަޅީގެ ކިޔެވުން ނިމޭއިރު އަނެއް ދަންފަޅީގެ ކިޔެވުން ފެށެން އޮންނަނީ ތައްޔާރުވެފައިކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުދިންގެ އިތުރު ޙަރަކާތްތައް ހިންގުމަށް އޮންނަ ވަގުތު ކުޑަވުމާއި އިތުރު ގަޑީގައި ސްކޫލަށް އަންނަންޖެހުމުގެ ދަތިކަން އޮންނަކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"21 ވަނަ ޤަރުނަށް ކުއްޖަކު ތައްޔާރުކުރުމަކީ އެއްގޮތަކަށްވެސް ފޮތުގައި ހުރި މާއްދާތަކުގައި ހުރި ދެލިގަނޑު ކުދިންނަށް ހިތުދަސްކޮށްދިނުމެއް ނޫން. އެއަށްވުރެ ބޮޑަށް ޢަމަލީ ގޮތުން ކުދިންނަށް އެކި ހުނަރު ދަސްކޮށްދިނުން. ސިންގްލް ސެޝަންގެ މަފްޙޫމަކީ ޢަމަލީ ގޮތުން ޕްރެކްޓިކަލްކޮށް ތަފާތު އެކި ހުނަރުތައް 21 ގައުރުނުގެ ހުރަރުތައް ފޯރުކޮށްދިނުން." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕަމަނަންޓް ސެކެޓްރީ އަޙްމަދު ޢަލީ ވިދާޅުވީ، އެއްދަންފަޅި އުސޫލުގެ ސަބަބުން ދަރިވަރުންގެ އިތުރުން ބެލެނިވެރިންނާއި ޓީޗަރުންނަށްވެސް އޭގެ ފައިދާކުރާކަމަށެވެ. އެގޮތުން ކުދިންނާއެކު ވަގުތު ހެދަކުރުމަށްފަހު ދުވަހުގެ ޝެޑިއުލް ނިމި އިތުރުގަޑީގައި އަނެއްދުވަހުގެ ޝެޑިއުލް ޕްލޭންކުރަންވެސް މަޑުކުރަންޖެހޭކަން ޕީއެސް ފާހަގަކުރެއްވިއެވެ.

"އެއްދަންފަޅި އުސޫލުގެ ދަށުން ޓީޗަރުންނަށްވެސް ރަސްމީގަޑީގައި ސްކޫލް ނިމޭއިރު އޮންނަނީ މަސައްކަތްތައް ނިމިފައި. ބެލެނިވެރިންނަށްވެސް އޮފީހަށް ދާ ބޭފުޅުންނަށް އޮފީހަށް ދާއިރު ކުދިން ސްކޫލަށް ލާފައި ބަލައި ދަން މިޖެހެނީ އޮފީސްތައް ނިމޭ ގަޑިއަށް. އެހެންވީމަ މިއީވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާ." އަޙްމަދު ޢަލީ ވިދާޅުވިއެވެ.

އެއްދަންފަޅިއަށް ކިޔަވައިދޭ އުސޫލުގެ ދަށުން ކުދިންނަށް ސްކޫލުގެ ސެޝަން ފެށެނީ ހެނދުނު 8 ޖަހާއިރަށެވެ. އަދި ސްކޫލްގެ ހުރިހާ ޙަރަކާތެއް މެންދުރުފަހު 2 ޖަހާއިރަށް ނިންމާލައެވެ. އަދި ސްކޫލްގައި ބޮޑު އިވެންޓެއް ނެތްނަމަ ހަފްތާ ބަންދާއި ރޭގަނޑުގެ ގަޑިތައް ކުދިން ހޭދަކުރާނީ ގޭގައެވެ.

އަލަށް ތަރައްޤީކުރާ ހުރިހާ ސްކޫލަކީ އެއްދަންފަޅިއަށް ހިންގާ ސްކޫލްތަކުގެ ގޮތުގައި ހެދުމަށް އެޑިއުކޭޝަނުން ނިންމަވާފައެވެ. މިއަހަރުގެ ދިރާސީ އައު އަހަރާއެކު މާލެ ސަރަޙައްދުގައި އަލަށް ކިޔަވައިދޭން ފެށި 4 ސްކޫލްގައިވެސް ކިޔަވައިދެނީ އެއް ދަންފަޅިއަށެވެ. އަތޮޅުތެރޭގެ ގިނަ ސްކޫލްތައްވެސް މިހާރުވަނީ އެއްދަންފަޅިއަށް ބަދަލުކޮށްފައެވެ. މިސަރުކާރުންވަނީ 30 ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކޮށް ކިޔަވައިދޭން ފަށާފައެވެ.