ސިޔާސީ

ކޮރަޕްޝަންގެ ޝަކުވާ ހުށައެޅޭ މިންވަރު އަންނަނީ މަދުވަމުން -އޭސީސީ


ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅޭ ޝަކުވާގެ އަދަދު ވޭތުވެދިޔަ 3 އަހަރަށް ބަލާއިރު އަހަރުން އަހަރަށް ދައްވެފައިވާކަމަށް އެކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އޭސީސީގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ޢާއްމުކުރައްވަމުން އެކޮމިޝަންގެ ނައިބުރައީސް މުޢައްވިޒު ރަޝީދު ވިދާޅުވީ ވޭތުވެދިޔަ 2015 ވަނައަހަރު އެކޮމިޝަނުން ބައްލަވައި ނިންމަވައިފައިވާ މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލައެއް ވާކަން ފާހަގަކުރެވިފައިވަނީ 26 މައްސަލައެއްގައިކަމަށެވެ. އަދި 829 މައްސަލައެއްގައި ކޮރަޕްޝަންގެ މައްސަލައެއް ނެތްކަމަށް ކޮމިޝަނުން ކަނޑައަޅުއްވާފައިވާކަމަށެވެ.

ވޭތުވެދިޔައަހަރު އެކޮމިޝަނަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލައެއް ފާހަގަކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން 21 މައްސަލައެއްގައި 54 މީހެއްގެ މައްޗަށް ދައުވާކުރެއްވުމަށް ޕީޖީ އޮފީހަށް ހުށައަޅުއްވައިފައިވާކަމަށް މުޢައްވިޒް ވިދާޅުވިއެވެ. އޭސީސީއަށް ހުށައަޅައިފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން އެންމެގިނައިން ފާހަގަކުރެވެނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ މައްސަލަތައްކަމަށް މުޢައްވިޒް ވިދާޅުވިއެވެ.

"ވޭތުވެދިޔަ 4 އަހަރު އޭސީސީން ނިންމާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ޝަރިއްޔަތަށް ހުށައެޅުމަށްޓަކައި ފޮނުވި މައްސަލަތަކުގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި އެދިފައިވާ ފައިސާގެ އަދަދަކީ 495 މިލިއަން ރުފިޔާ" މުޢައްވިޒް ވިދާޅުވިއެވެ.

އޭސީސީން ބައްލަވައިފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ރަށުކައުންސިލްތަކާ ގުޅޭ މައްސަލަތައްކަން އެކޮމިޝަނުން ފާހަގަކުރައްވައެވެ. މާލޭގައި ހުރި ދައުލަތުގެ މުއައްސަސާތަކާ ގުޅުންހުރި މައްސަލަތަކަށްވުރެ ގިނައީ އަތޮޅުތެރޭގައި ހުރި ދައުލަތުގެ މުއައްސަސާތަކާ ގުޅުންހުރި މައްސަލަ ކަމަށް އޭސީސީން ވިދާޅުވެއެވެ.

"ވޭތުވެދިޔައަހަރު އަތޮޅުތެރޭގެ ހުރިހާ ހިސާބަކަށް އޭސީސީގެ ޓީމްތައް ޒިޔާރަތްކޮށް 573 މައްސަލައެއްގެ ތަޙްޤީޤަށް 1313 ފަރާތެއް ޙާޟިރު ކުރެވި 1590 ފަރާތެއްގެ ސްޓޭޓްމެންޓް ނެގިފައިވާނެ." - މުޢައްވިޒް

ކޮރަޕްޝަން ހިމެނޭކަމަށް ޝައްކުކުރެވޭ މައްސަލަތައް ތަޙްޤީޤްކޮށް ދައުވާ ކުރެއްވުމަށް ފޮނުއްވުމުގެ އިތުރުން، ކޮރަޕްޝަނަށް ޢާންމުން ހޭލުންތެރިކުރެއްވުމުގެ މަސައްކަތްވެސް ވަރަށް އިސްކަމެއް ދެއްވައިގެން އޭސީސީން ކުރައްވަމުންގެންދަވާކަން އެކޮމިޝަނުން ފާހަގަކުރައްވައެވެ. އެގޮތުން އެކޮމިޝަނުން ފައްޓަވައިފައިވާ ނޭޝަނަލް އިންޓަރގްރިޓީ ޕްލޭންގެ މަސައްކަތައް ވަރަށް އިސްކަމެއް ދެއްވައިގެން މިއަހަރު ކުރައްވާނެކަމަށް އޭސީސީން ވިދާޅުވެއެވެ.

ކޮރަޕްޝަނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ވޭތުވެދިޔައަހަރު 99 ޕްރޮގްރާމެއް ހިންގަވައި ދިހަހާހަށްވުރެ ގިނަ މީހުން ހޭލުންތެރި ކުރައްވައިފައިވާކަންވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފާހަގަކުރައްވައެވެ.