ޚަބަރު

ހުއްދަނެތި ވޯޓު ކަރުދާހާއި އެއާ އެއްފަދަ އެއްޗެއް އުފެއްދުމަކީ މަނާ ކަމެއް: އިލެކްޝަންސް


ހުއްދަނެތި ވޯޓުކަރުދާސް އުފެއްދުން ނުވަތަ ވޯޓުކަރުދާހުގެ ގޮތުގައި އިންތިޚާބުގައި ބޭނުންކުރެވިދާނެ އެއާ އެއްފަދަ އެއްޗެއް އުފެެއްދުމަކީ މަނާކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ހުއްދަނެތި ވޯޓުކަރުދާސް އުފެއްދުން ނުވަތަ ވޯޓުކަރުދާހުގެ ގޮތުގައި އިންތިޚާބުގައި ބޭނުންކުރެވިދާނެ އެއާ އެއްފަދަ އެއްޗެއް އުފެއްދުމަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުން މަނާކަމެއްކަމަށެވެ.
އެހެންކަމުން ސޯޝަލް މީޑިއާގައި ނުވަތަ މީޑިއާގައި ކެންޑިޑޭޓުންގެ މަޢުލޫމާތު ހިއްސާކުރައްވާނަމަ މިކަމަން ކަމަށް ސަމާލުވުމަށް ހަބީބުވަނީ އެދިވަޑައިގެންފައެވެ.

ހަބީބު މިކަން ހަނދާންކޮށްދެއްވާފައިމިވަނީ ބައެއް ފަރާތްތަކުން، ވޯޓު ކަރުދާސް ހުންނަ ގޮތަށް ކެނޑިޑޭޓުންގެ ކެމްޕޭން ޕޯސްޓުތައް ސޯޝަލް މީޑިއާގައި ޝެއަރކޮށްފައިވަނިކޮށެވެ. ޙަބީބް ވަނީ އިޖުތިމާޢީ މަންސަ ތަކުގައި ކެންޑިޑޭޓުންގެ މަޢުލޫމާތު ހިއްސާ ކުރައްވާނަމަ، މިކަމަށް ސަމާލުވެލެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

މީގެ ކުރިން ބޭއްވި ރިޔާސީ އިންތިޚާބުތަކާ އަޅާބަލާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވެގެންދާނީ ވަރަށް ވާދަވެރި އިންތިޚާބަކަށެވެ. ސަބަބަކީ މިއިންތިޚާބަކީ މިހާތަނަށް ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިޚާބަށްވުމެވެ. މިއިންތިޚާބުގައި 8 ކެނޑިޑޭޓުން ވާދަކުރައްވައެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރައްވާ ޢުމަރު ނަޞީރުާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ޙަސަން ޒަމީލާއި، އެމްޑީޕީގެ ފަރާތުން އިބްރާހިމް މުޙައްމަދު ޞާލިޙާއި، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ޖުމްހޫރީ ޕާޓީ ފަރާތުން ޤާސިމް އިބްރާހިމާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫނާއި، ދަ ޑިމޮކްރެޓްސްއިން އިލްޔާސް ލަބީބާއި އެމްއެންޕީގެ ކެނޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމްއެވެ.

ކުރިއަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން،
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްވަނީ އިންތިޚާބުގެ ވާދަވެރިކަމުގެ ތެރެއިން ޤާނޫނީ އިމުގެ ތެރެއިން ޕާޓީތަކުން ބާއްވާ ބައްދަލުވުންތައް ބޭއްވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުން
ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުންވެސް އިންތިޚާބުގައި ޢަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑަށް ޢަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

"މި އިންތިޚާބު މިނިވަންކަމާއި އިންސާފުވެރިކަމާއިއެކީގެ ބޭއްވުމަށްޓަކައި، ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ފަރާތްތަކުން އިންތިޚާބުގައި ޢަމަލުކުރައްވަން ޖެހޭ ސުލޫކީ މިންގަނޑަށް ޢަމަލުކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން ޤާނޫނާއި ޤަވާޢިދަށް އެއްގޮތްވާ ގޮތުގެ މަތިން ބައްދަލުވުންތައް ބޭއްވުމާއި، އެއް ބަޔަކަު ބާއްވާ ބައްދަލުވުމަކަށް އަނެއް ބަޔަކު ހުރަސް ނޭޅުއްވުމާއި، ދެ ޕާޓީއަކުން އެއްފަހަރާ އެއް ތަނެއްގަިއ ބައްދަލުވުން ނުބޭއްވުމާއި، ބައްދަލުވުން ހިނގަމުންދާ ވަގުތު އުނދަގޫކޮށް އިންތިޒާމް ނަގާލުމަށް، މަސައްކަތްނުކުރުމާއި، އެފަދަ ކަމެއް ހިނގާނަމަވެސް އަމިއްލައަށް އެފަދަ ކަމެއް ހައްލުކުރުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާއިއެކީގައި އެކަން ހައްލުކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް." ޙަބީބް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހުއެވެ.