ޚަބަރު

ފަންނުވެރިކަމުގެ ދާއިރާތަކަށް ލޯނު ދޭނަން: ނާޒިމް


  • ބ. ދަރަވަންދޫ އެއަރޕޯޓު އިންޓަނޭޝަނަލް ކޮށްދޭން ވަޢުދުވެވަޑައިގެންނެވި

  • މި ދަތުރުގެ ދަށުން ބ. އަތޮޅުގެ 5 ރަށަކަށް ނާޒިމް ވަނީ ވަޑައިގެންފައި

އެމްއެންޕީގެ ސަރުކާރެއްގައި ފަންނުވެރިންނަށާއި، ފަންނީ މަސައްކަތްތައް ކުރާ ފަރާތްތަކަށް، އެ މަސައްކަތްތައް ކުރިއެރުވުމުގެ ގޮތުން ލޯނު ދޫކުރައްވާނެކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، ބ.އަތޮޅަށް ކުރައްވަމުންގެންދާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ފަންނީ މަސައްކަތްތައް ކުރިއަރުންވުން މުހިންމުކަމަށާއި، އެގޮތުން މިއުޒިކާއި ކުރެހުންތެރިންނާއި، ލިޔެލާޖެހުން ފަދަ ފަންނީ މަސައްކަތްތައް ކުރާ ފަރާތްތަކަށް، ސަރުކާރުން އެ މަސައްކަތްތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ.

ބ.އަތޮޅަކީ ފަތުވެރިކަމުގެ ސިނާޢާތް ފުޅާކޮށް ކުރަމުން އަންނަ ސަރަހައްދެއްކަން ފާހަގަކުރައްވަމުން ނާޒިމް، ވިދާޅުވީ އެ ސަރަހައްދުގައި ޒަމާނީ ފެންވަރަށް ޤާއިމް ކުރެވިފައިވާ އެއަރޕޯޓެއް އޮތުމަކީ މުހިންމު ކަމެއްކަމަށެވެ. ވުމާއިއެކު، ދަރަވަންދޫ އެއަރޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކޮށްދެއްވާނެކަމަށް ނާޒިމް ވަޢުދުވެވަޑައިގެންނެވިއެވެ.

"މުއްސަދިން އަންނަނީ ރެއަކަށް 4000 ނުވަތަ 5000 ޑޮލަރު ދައްކަން ތައްޔާރުވެގެން. ވުމައިއެކު، މިތާގައި ޒަމާނީ ފެންވަރުގެ އެއަރޕޯޓެއް އޮންނަންޖެހޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސަރުކާރެއްގައި ދަރަވަންދޫ އެއަރޕޯޓު އިންޓާނޭޝަނަލްކޮށް ޤައުމީ ފެންވަރަކަށް ބަދަލުކުރާނެ ވާހަކަ އަޅުގަނޑު ދަންނަވާލަން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ކެންޕޭން މި ދަތުރުގައި ބ އަތޮޅުގެ 5 ރަށަކަށް ވަނީ ވަޑައިގެންފައެވެ.