ކުޅިވަރު

ގްރީން ސްޓްރީޓްސް ހާޒިރުނުވުމުން ޓީސީއަށް މެޗު ލިބިއްޖެ


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކުޅެން އޮތް މެޗަށް ކުލަބު ގްރީން ސްޓްރީޓްސް ހާޒިރުނުވުމުން ޓީސީ ސްޕޯޓްސް ކުލަބަށް މެޗު ލިބިއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މިޑީއާ ގުރޫޕުގައި ހިއްސާކުރި މެސެޖެއްގައި ޤައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު ވިދާޅުވީ މިހާރު މާލޭގައި ފެތުރެމުންދާ ރޯގާ ޖެހިގެން ގިނަ ކުޅުންތެރިންތަކެއް ބަލިވެ އުޅޭ ކަމަށް ގްރީން ސްޓްރީޓްސްއިން އަންގާފައިވީ ނަމަވެސް، މިރޭ ކުޅެން ހަމާޖެހިފައިވާ މެޗު ފަށާ ގާޑިއަށް އެ ޓީމު ހާޒިރުވެފައި ނުވާ ކަމަށެވެ. އެހެންކަމުން ޓީސީއަށް މި މެޗު ލިބުނީ ކަމަށް މުބާރާތުގެ ކޮމިޓީން ނިންމާފަވާ ކަމަށާއި، އެގޮތަށް ނިންމީ މުބާރާތުގެ ގަވާއިދަށްވެސް ބެލުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.

މިއީ މި ފަހުން ރޯގާގެ އަސަރުކޮށްގެން ޓީމު ހަމަނުވާތީވެ، ޓީމަކުން މެޗު ދޫކޮށްލި ދެވަނަ ފަހަރެވެ. އެ ގޮތުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުލަބު ވެލެންސިއާއަށްވެސް ރޯގާގެ އަސަރުކޮށް ޓީމު ހަމަނުވާތީ، އެ ދުވަހު ކުޅެން އޮތް މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ ލިބިފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޓީސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ އަށް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. އަދި ގްރީން ސްޓްރީޓްސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި އަށް މެޗުން ހަތަރު ޕޮއިންޓާއެކުއެވެ.