ޚަބަރު

ޑރ.މުޢިއްޒަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ޕީޕީއެމް/ޕީއެންސީ އެއްގަލަކަށް


  • މިއީ މުޢިއްޒުގެ ކެނޑިޑެސީއަށްފަހު ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް އެކުގައި ފެނުނު ފުރަތަމަފަހަރު

  • ޕްރެސްގައި ދެ ޕާޓުގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވި

  • ކުރިއަރުވާނީ ރައީސް ޔާމިންގެ ލެގަސީކަމަށް މުޢިއްޒު ވިދާޅުވި

އަންނަ މަހު އޮންނަ ރިޔާސީ އިންތީޚާބު، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، މާލެސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދިނުމަށް، ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް އެއްގަލަށްއަރައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައެޅުއްވި ސުސްތޫރީ މައްސަލާގައި އެކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެނޑިޑސީ ބލައިނުގަތުމަށް ނިންމީ ރަނގަޅަށްކަމަށް ކަނޑައަޅުއްވާފައެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ރައީސް ޔަމީންނަށް ސުޕްރީމް ކޯޓުގެ ހުކުމާއެކު ގެއްލުމުން، އެމަނިކުފާނު ވަނީ ރިޔާސީ އިންތީޚާބު ބޮއިކޮޓުކުރުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގައި އެދިވަޑައިގެންފައެވެ. މިއާއެކު ލީޑާރޝިޕްގައި ބޮޑު ޚިޔާލުތަފާތުވުންތަކާއި ދެބަސްވުން އުފެދިގެންދިޔައެވެ.

ނަމަވެސް އެ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް ދެޕާޓީގެ ލީޑަރޝިޕުން މިރޭ ވަނީ ޑރ.މުޢިއްޒުގެ ފަހަތަށްއަރައި މުޢިއްޒުއަށް ތާޢީދުކުރައްވާކަން ދައްކާފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަނުން ބުނެފައިވަނީ، ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ރައީސް ޔާމިންގެ ފުރިހަމަ ތާޢީދާއެކު ޑރ.މުޢިއްޒަށް އިންތިޚާބު ކާމިޔާބުކޮށްދިނުމުގެ މަސައްކަތް އެކޯލިޝަނުން ފައްޓަވާފައިވާކަމަށެވެ. އަދި ޑރ.މުޢިއްޒު އިންތިޚާބުގައި ވާދަކުރާނީ، ރައީސް ޔާމިން އަދި ޕާޓީގެން މެންބަރުންގެ ފުރިހަމަ ތާޢީދާއެކުގައިކަމަށް އެ ކޯލިޝަނުން ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޚިޔާލުތަފާތުވުމަކީ އެތެރޭގެ ޑިމޮކްރަސީގެ ހަރުދަނާކަންކަމަށެވެ. އަދި އެކޯލިޝަނުން ކުރާ މަސައްކަތަކީ ރައީސް ޔާމިން ދެއްކެވި މަގުން ރާއްޖެ ކުރިއަށްގެންގޮސްދިނުމަށް ކުރައްވާ މަސައްކަތެއްކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި މިމަސައްކަތުގައި ޕީޕީއެމްއާއި ޕީއެންސީ މަސައްކަތްކުރާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމާށާއި، ސަފު އޮތީ ވަރަށް ބަދަހިކޮށްކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި ކޯލިޝަންގެ ކޮންމެ ނިންމެވުމަކީވެސް، ރައީސް އަބްދުﷲ ޔާމިންގެ އިރުޝާދަށް ކުރައްވާ މަސައްކަތްތަކެއްކަމަށް މުޢިއްޒު ވަނީ ވިދާޅުވެއެވެ.

"ކުރިއަރުވާނީ ރައީސް ޔާމިިންގެ ތަރައްޤީއާއި ތަމައްދުން. އެއީ ރައީސް ދަސްކޮށްދެއްވި ގޮތަކީ. ރައީސްގެ ތަރައްޤީގެ ލެގަސީގައި ކުރިއަށްދާނީ." މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރައްވާނެ ކަމަކީ ރައީސް ޔާމިން މިނިވަން ކުރެއްވުމުގެ މަސައްކަތްކަމަށެވެ.

މި ޕްރެސްކޮންފަރެންސްގައި އެ ކޯލިޝަނުން ވަނީ މުޢިއްޒުގެ ކެމްޕެއިން ހަރަކަތްތައް ފެށުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައެވެ. އެގޮތުން ކެމްޕެއިންގެ ހަރަކާތްތައް މިފެށޭ ހަފްތާ ބަންދުގައި ފެށުމަށް، އެ ކޯލިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ، އެ ކޯލިޝަންގެ މެނިފެސްޓޯ ވަރަށް އަވަހަށް ޢާންމުކުރާނެކަމަށް ބުނެފައެވެ.