އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ފަހަތުން އަރައި ކާމިޔާބުކުރި ދެ ލަނޑާއެކު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ކުލަބު ވެލެންސިއާ ބަލިކޮށްފިއެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ޔޫވީން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ވެލެންސިއާއިން މި މެޗު ވަރުގަދަކޮށް ފެށި ނަމަވެސް, ޔޫވީން ވަނީ ފަހުކޮޅު ކުޅުން ރަނގަޅުކޮށްފައެވެ. މި މެޗުގައި ވެލެންސިއާއިން ލީޑު ނަގާފައިވަނީ މެޗު ފަށައިގެން 12 ވަނަ މިނެޓުގައެވެ. މުޙައްމަދު އިލާން އިމްރާންގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އީތަން އިބްރާހީމް ޒަކީއެވެ. މިއީ އީތަން ވެލެންސިއާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މި ލަނޑަށްފަހު ޔޫވީން ވަނީ ކުޅުން ރަނގަޅުކޮށް ފުލުފުލުގައި ވެލެންސިއާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެކަމަކު މި ހަމަލާތަކުން ޔޫވީއަށް ލަނޑެއް ޖެހޭވަރުވީ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޝަނާން ރަޝާދެވެ.
މި މެޗުގައި ވެލެންސިއާއަށް ހަމަނޭވާއެއް ނުލެވި އުޅެނިިކޮށް، ދެވަނަ ހާފުގެ ކުރީކޮޅު ޔޫވީން ވަނީ ފަހަތުން އަރައި ލީޑު ނަގާފައެވެ. މެޗުގެ 57 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އަޙްމަދު ބައްސާމް މުޙައްމަދު ނައީމް (ބައްކު) އެވެ. މި ލަނޑަށްފަހުވެސް ޔޫވީއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.
މި މޮޅާއެކު ތާވަލުގެ ހަވަނައަށް ޔޫވީ ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު އަށް މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އެ ޓީމާ ޖެހިގެން ހަތްވަނައިގައި އޮތް ކުލަބް ގްރީން ސްޓްރީޓްސްއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި މެޗުން ބަލިވި ވެލެންސިއާ އޮތީ ތާވަލުގެ ފުލުގައި އެންމެ ޕޮއިންޓަކާއެކުއެވެ.