ޚަބަރު

އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް މަސައްކަތްކުރުމަށް އިދާރާތަކަށް އެޗްއާރުސީއެމުން ގޮވާލައިފި


  • އިންސާފުވެރި އިންތިޚާބަކަށް ހައްދަވާދެއްވުމަށް ހުރިހާ މުއައްސަސާތަކަށް އިލްތިމާސްކުރެއްވި

  • ނިވަން ދެފުށްފެންނަ އިންތިޚާބަކަށް ހެދުމަށް އަންނަނީ މަސައްކަތް ކުރަމުން

  • އެޗްއާރުސީއެމްއިން ވަނީ އިންތިޚާބު 3 މަރުޙަލާއަކަށް ބަހައިލައިގެން މޮނީޓަރ ކުރުމަށް ނިންމާފަ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި، ދެފުށްފެންނަ އަމާން އިންތިޚާބަކަށް ހެދުމަށްޓަކައި ދައުލަތުގެ އިދާރާތަކުން މަސައްކަތް ކޮށްދެއްވުމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމް އިން އިލްތިމާސްކުރައްވާފިއެވެ.

އެޗްއާރުސީއެމް އިން ނެރުނު ބަޔާނެއްގައި ވަނީ، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ މާޙައުލަކީ،އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކުރާ ގޮތަށް ދިމިޤްރާޠީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ، ދެފުށްފެންނަ، މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އެ ކޮމިޝަނުން މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ.

އެޗްއާރުސީއެމްއިން ވިދާޅުވީ، ރިޔާސީ އިންތިޚާބު މޮނީޓަރ ކުރުމުގެ މަސައްކަތް އެކޮމިޝަނުން، 3 މަރުޙަލާއަކަށް ބަހާލާގެންކުރިއަށް ގެންދަވާކަމަށެވެ. އެއީ އިންތިޚާބުގެ ކުރިން ހިނގާ ކަންކަން ދެނެގަތުމާއި، ވޯޓުލާ ދުވަހު އިންތިޚާބު އޮބްޒަރވް ކުރުމާއި، އިންތިޚާބުގެ ފަހުން ހިނގާ ކަންކަން ބެލުންކަމަށް އެޗްއާރުސީއެމްއިން ވިދާޅުވެއެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި ވޯޓުލާއިރު، ރައްޔިތުންނަށް ލިބިގެންވާ ޙައްޤުތަކާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމާއި، އިންތިޚާބާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށް، އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާއި، ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން، މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ދެފުށްފެންނަ، މިނިވަން އިންސާފުވެރި އިންތިޚާބީ މާޙައުލެއް ޤާއިމްކުރުމަށް، އެޗްއާރުސީއެމްގެ އިތުރުން އިލެކްޝަންސް ކޮމިޝަނުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، އެ ބުރުގެ ވޯޓުލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ ސެޕްޓެންބަރު 30 ގައެވެ.