ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ދ.ކުޑަހުވަދޫ ފެނަކަ އޮފީހާއި މާއެނބޫދޫ ފުޓްސަލް ދަނޑު ހުޅުއްވާދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ދ.ކުޑަހުވަދޫ ފެނަކަ އޮފީހާއި މާއެނބޫދޫ ފުޓްސަލް ދަނޑު ހުޅުއްވާދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތައް އިފްތިތާޙް ކޮށްދެއްވީ، އެމަނިކުފާނު މިހާރު ނިލަންދެއަތޮޅު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކުޑަހުވަދޫގައި ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވީ ސަރުކާރުން އެރަށުގައި އިމާރާތްކުރެއްވި ފެނަކަ އޮފީހެވެ.
ކުޑަހުވަދޫގައި ހުޅުއްވައިދެއްވި ފެނަކަ އައު އޮފީސް ޢިމާރާތަކީ އެތަނުގައި ހުރި 20 އަހަރު ކުރީގެ އޮފީސް ޢިމާރާތެއް ތަޅާލުމަށްފަހު، 40 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ޖާގަ ތަނަވަސް އޮފީސް ޢިމާރާތެކެވެ.

ރައީސުލްޖުމްޙޫރިއްޔާގެ މިދަތުރުފުޅުގައި މާއެނބޫދޫއަށް ވަޑައިގެން އެ ރަށުގައި ސަރުކާރުން ގާއިމްކޮށްދެއްވި ފުޓްސަލް ދަނޑު ވަނީ ހުޅުއްވައިދެއްވާފައެވެ. މިފުޓްސަލް ދަނޑަކީ އެރަށު ޒުވާނުން ބޭނުންވާގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާފައިވާ ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެކެވެ. މި ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށްގެންދަވާފައިވަނީ އާރް. ޖޭ. އިންޓަރނޭޝަނަލް ލިމިޓެޑާ ޙަވާލުކުރައްވައިގެންނެވެ. މިދަނޑު ހުޅުވުމުގެ ރަސްމިޔާތުގައި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފް ވަނީ ބައިވެރިވެޑައިގެންފައެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދެއްވުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓްސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގަވާފައެވެ.