މިހާރު ކުރިއަށްދާ ލީގްސް ކަޕްގެ ގަދަ 16 ވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން އެފްސީ ޑަލަސް ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން އިންޓަރ މަޔާމީ ޖާގަ ހޯދައިފިއެވެ.
މެޗުގެ ފުރިހަމަ ވަގަތު ހަމަވީ ދެ ޓީމު 4-4 އިން އެއްވަރުވެގެންނެވެ. މެޗުގެ ހަ ވަނަ މިނެޓުގައި މަޔާމީގެ ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ލިއޮނަލް މެސީ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑެލާސް އިން ވަނީ ދެ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ 37 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ފަކުންޑޯ ކިނަން އެވެ. އޭގެ ފަހުން 45 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ބެނާޑް ކަމުންގޯ އެވެ.
ދެވަނަ ހާފަށް ނިކުމެ ޑާލާސް އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ އަލަން ވެލަސްކޯ އެވެ. އޭގެ ފަހުން 65 ވަނަ މިނެޓުގައި ބެންޖަމިން ސްރެމަސްޗީ ވަނީ ލަނޑެއް ޖަަހައި މިއާމީ އަށް ފަރަގު އެއް ލަނޑަށް ކުޑަކޮށްދީފަ އެވެ.
ނަމަވެސް އޭގެ ތިން މިނެޓު ފަހުން މިއާމީގެ ރޮބާޓް ޓޭލާ އަތުން ބައި ކޮޅަށް ވަތް ލަނޑާއެކު ޑެލަސް އަށް ދެ ލަނޑުގެ ލީޑެއް ލިބިފައިވެއެވެ. މިއާމީން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފަހު 10 މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗުގެ 80 ވަނަ މިނެޓުގައި މިއާމީގެ ލަނޑަކީ ޑަލާސްގެ މާކޯ ފާފަން އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން މިއާމީއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެސީ އެވެ. މިއީ މިއާމީގެ ޖާރޒީގައި މެސީ ޖެހި ހަތްވަނަ ލަނޑެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މިއާމީން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ.