އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ ސްކޮޑުގައި ރަނގަޅު ކުޅުންތެރިން މަދުވުން ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.
ލީގުގައި އެންމެފަހުން ޓީސީ އަތުން ބަލިވި މެޗަށް ފަހު ވާހަކަދައްކަމުން ޝާކިއްޓެ ބުނީ މިވަގުތަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަދަލުގައި އަރުވާނެ ރަނގަޅު ކުޅުންތެރިންވެސް ނެތުންކަމަށެވެ. އޭނާ ބުނީ ޓީމުން ކުޅެމުން އަންނީ ޑިފެންޑަރެއް މަދުވުމުން ކުރިޔަށް ކުޅޭ ކުޅެންތެރިޔަކު ޑިފެންސް ލައިނުގައި ހިމަނައިގެންކަމަށެވެ.
ޓީމުގެ ރަނގަޅު މަގާމުތަކަށް ކުދިން މަދުވުމާއި ތަޖުރިބާވެސް އެއީ މިވުގުތު ދިމާވާ އެއް މައްސަލަކަމަށް ޝާކިއްޓޭ ވަނީ ފާހަގަކޮއްފައެވެ. ޝާކިއްޓޭ ބުނީ ލީގުގެ ދެވަނަ ބުރުގައި ޓީމަށް އާ ކުޅުންތެރިން ތަކެއް އިތުރުކޮއްގެން ނޫންގޮތަކަށް ކުރިއަށްދިޔުމަށް އުނދަގޫވާނެ ކަމަށާއި އެންޖަރީ އެއް ނުވަތަ ކާޑު ހަމަވެއްޖެ ނަމަ ބަދަލުގައި އަރުވާނެ ކުޅުންތެރިޔަކު ނެތްކަމަށެވެ.
ލީގުގެ ދެވަނަބުރަށް ނުކުންނައިރު ޓީމުގައި އާ ކުޅުންތެރިންތަކެއް ފެނުމުގެ އުންމީދު ބޮޑުކަމަށް ވެސް ޝާކިއްޓޭ ވަނީ ބުނެފައެވެ. ލީގުގެ ފުރަތަމަ ބުރު ނިމުނު އިރު ޔުނައިޓެޑް ވިކްޓަރީ މޮޅުވެފަވަނީ އެންމެ މެޗަކުންނެވެ. 7 މެޗުން ލިބުނު 03 ޕޮއިންޓާ އެކު އެޓީމު ލީގުގެ 7 ވަނައިގައެވެ.
ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ޔުނައިޓެޑް ވިކްޓަރީ ނުކުންނާނީ ވެލެންސިއާ އާއި ދެކޮޅަށެވެ.