ޚަބަރު

ޤާސިމާއި މުޢިއްޒުގެ ކެންޑިޑަސީ އީސީން ބަލައިގެންފި


  • ޤާސިމާއި މުޢިއްޒުގެ ކެނޑިޑަސީ ފޯމު ހުށައެޅުއްވީ މިއަދު

  • ޤާސިމްގެ ރަނިންމޭޓަކީ އަމީން އިބްރާހީމް

  • މުޢިއްޒުގެ ރަނިންމޭޓަކީ ޙުސައިން މުޙައްމަދު ލަޠީފް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހމްގެ ކެންޑިޑަސީ ފޯމް، އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޤާސިމް ފޯމް ހުށައެޅުއްވީ މިއަދު ހެނދުނެވެ. ޤާސިމްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ.އަމީން އިބްރާހީމެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި، ގާސިމް އިބްރާހީމްގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ޤަބޫލުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ ކެންޑިޑެންސީވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފިއެވެ.

ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވާދަކުރެވޭ ގޮތް ނުވުމުގެ ސަބަބުން އެ ކޯލިޝަނުން، ބެކަޕް ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ މިހާރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޢިއްޒުއެވެ. މުއިޒްގެ ރަނިންމޭޓަކަށް ކަނޑައަޅުއްވާފައިވަނީ، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފެވެ.

މުޢިއްޒު ފޯމު ހުށައެޅުއްވުމުގެ ކުރިން ރައީސް ޔާމީން ވަނީ މި އިންތިޚާބު ޕީޕީއެމް ޕީއެންސީން ބޮއިކޮޓުކުރުމަށް ލީޑާރޝިޕްގައި އެދިވަޑައިގެންފައެވެ. ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެދިވަޑައިގަތީ އެމަނިކުފާނުގެ ކެންޑިޑަސީ މައްސަލަ ސުޕްރީމް ކޯޓުން ނާކާމިޔާބު ވެވަޑައިގަތުމުންނެވެ. ސުޕްރީމްކޯޓުން މައްސަލަ ނިންމެވުމުން ރައީސް ޔާމީން ޕާޓީއަށް ފޮނުއްވި މެސެޖެއްގައި ވަނީ އެމަނިކުފާނުގެ އަސާސީ ހައްގެއް ނިގުޅައިގެންފައިވާކަމަށް ވިދާޅުވެ އިންތިޚާބު ބޮއިކޮޓްކުރުމަށެވެ.

ނަމަވެސް ޕީޕީއެމް ޕީއެންސީގެ ސެނެތުން އެގޮތަށް ފާހެއް ނުވިއެވެ. އަދި ރައީސް ޔާމީން މިއަދު ވަނީ މުޢިއްޒަށް ތާޢިދުކުރައްވާކަން ހާމަކުރައްވާފައެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ޝަރުތު ފުރިހަމަނުވާކަމަށް ސުޕްރީމްކޯޓުން ނިންމަވާފައިވަނީ، ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމުން އެމަނިކުފާނު ހުށައެޅި މައްސަލާގައި އިއްޔެ އިއްވެވި ޙުކުމުގައެވެ. އެ މައްސަލަ ބެއްލެވި ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި، ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމީ ރަނގަޅަށް ކަމަށެވެ.