ޚަބަރު

ފުވައްމުލައް ސިޓީގައި 400 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފި


  • މި ޕްރޮޖެކްޓްގައި 11 ފަންގިފިލާގެ 5 ޓަވަރު އަޅާނެ

  • މިއީ މުޅިންވެސް 3 ކޮޓަރީގެ އެޕަރޓްމަންޓްތައް

  • މި މަޝްރޫޢު ނިންމުމަށް ހަވާލުކޮށްފައިވަނީ 1 އަހަރާ، 6 މަހުން

ފުވައްމުލައް ސިޓީގައި 400 ހައުސިން ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރާއި ހަވާލުކުރައްވައިފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަސައްކަތް ހަވާލުކުރައްވާފައިވަނީ ޕީޓީ.ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑްއާއެވެ.

މކަމާއި ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން ނަސީމެވެ. އަދި މަސައްކަތް ކުރިއަށްގެންދާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ނަޖާހު ޝަރީފެވެ.

ފުވައްމުލައް ސިޓީގައި 400 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ސަރުކާރުން 469.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މި ޕްރޮޖެކްޓްގައި ފުވައްމުލައް ސީޓީގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން 11 ފަންގިފިލާގެ 5 ޓަވަރު ތަރައްޤީކުރާނެއެވެ. ކޮންމެ ޓަވަރެއްގައި 1000 އަކަފޫޓުގެ 80 ފްލެޓް ހުންނާނެއެވެ. ފްލެޓެއްގައި ހިމެނޭނީ 3 ކޮޓަރި، 3 ފާޚާނަަ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެކެވެ.

ކޮންމެ ޓަވަރެއްގެވެސް ގްރައުންޑް ފްލޯގައި ކޮމާޝަލް އޭރިއާއަކާއި މެއިންޓަނަންސް އޮފީސް އަދި ކޮންމެ އެޕާރޓްމަންޓަކަށް ޚާއްސަ ސައިކަލް ޕާކިން ޖާގައެއް ހިމެނޭނެއެވެ. ކޮންމެ ޓަވަރެއްގައި 2 ލިސްޓް ބަހައްޓާނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރައްވާފައިވަނީ 1އަހަރާ 6މަސްދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢުއަށް ޚަރަދުކުރަނީ، 2022ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުންކަމަށް ހައުސިން މިނިސްޓްރީއިން ވިދާޅުވެއެވެ.

ފުވައްމުލައް ސިޓީއަކީ ރާއްޖޭގައި އެއްފަސްކޮށް އޮތް ހަމައެކަނި އަތޮޅެވެ. އެ ސިޓީގެ އާބާދީ 12000އިން މައްޗަށް އަރައެވެ. ފުވައްމުލަކަކީ 491 ހެކްޓަރުގެ ރަށެއް ނަމަވެސް ރަށުގެ ބަރަށް ބޮޑު ސަރަޙައްދަކީ ޗަސް ބިމެވެ. މިއާއެކު ރަށުގައި ބިމުގެ ދަތިކަން އެބައޮތެވެ. އާބާދީ އިތުރުވަމުން އަންނަ އެހެން ރަށްތަކެކޭ އެއްގޮތަށް ބޯހިޔާވަހިކަމުގެ މައްސަލަ ފުވައްމުލަކަށްވެސް ބޮޑެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ފާހަގަކުރައްވާގޮތުގައި އެންމެ ފަހުން އެރަށުން ދޫކުރި 34 ހައުސިން ޔުނިޓާށްވެސް 800 އަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިއެވެ. އެހެންކަމުން ބޯހިޔާވަހިކަމުގެ މި މަޝްރޫޢު ވެގެންދަނީ އެ ރަށަށް ވަރަށް މުހިންމު މަޝްރޫޢުއަކަށެވެ.