ޚަބަރު

އިލްޔާސްގެ ކެންޑިޑެސީ އިލެކްޝަނުން ބަލައިގެންފި


  • އިލްޔާސްގެ ފޯމު އިލެކްޝަނަށް ހުށައެޅުއްވީ އިއްޔެ

  • ކުރިން އިލްޔާސްގެ ފޯމު ބަލައި ނުގަތީ ލިޔެކިޔުންތައް ހަމަނުވެގެން

  • ދަ ޑިމޮކްރެޓްސްއަކީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އިސްނަގައިގެން އުފެއްދި ޕާޓީއެއް

މިއަހަރު އަލަށް އުފެއްދި ޕާޓީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ. އަންމަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިލްޔާސްގެ ކެންޑިޑަސީ ފޯމް ހުށައެޅުއްވީ އިއްޔެއެވެ. ނަމަވެސް އެފޯމް ބަލައި ނުގަންނަކަން އިލެކްޝަންސް ކޮމިޝަނުން ރޭވަނީ އިލްޔާސްއަށް އަންގަވާފައެވެ.

އިލްޔާސްގެ ފޯމު އިލެކްޝަނުން ބަލައި ނުގަތީ އޭނާގެ އިންތިޚާބީ އެޖެންޓު ކަމުގައިވާ ފާޠިމަތު ނިއުމާގެ މައްޗަށް ހުކުމްކޮށްފައި އޮތް ސާބިތު ދަރަންޏެއް ޚަލާސް ކުރިކަން އެނގެން ނެތުމުންނެވެ. އެހެންނަމަވެސް، ހުށަހަޅަންޖެހޭ ލިޔެ ކިޔުންތައް ހަމަކުރުމުން، އިލްޔާސްގެ ފޯމު މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފައެވެ.

އިލްޔާސް ލަބީބްގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުއެވެ.

ދަ ޑިމޮކްރެޓްސް އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ، ކުރީގެ އެމްޑީޕީގެ އިސް މެންބަރުންކޮޅެއް އިސްނަންގަވައިގެން އުފައްދަވާފައިވާ ޕާޓީއެކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު، ސިޔާސީ ޕާޓީތަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް އިލެކްޝަނަށް ހުށަހެޅުމުގެ ފުރުސަތު މިއަދު 2 ގަޑި ސުންމިނެޓަށް ހަމައަށް ހަމަނަވާނެއެވެ.