ޚަބަރު

ޤާސިމް އިބްރާހީމްގެ ކެންޑިޑަސީ ފޯމް އީސީއަށް ހުށައަޅުއްވައިފި


  • ގާސިމްގެ ރަންނިންމޭޓަކީ ޑރ.އަމީން އިބްރާހީމް

  • ފޯމް ހުށައެޅުއްވުމަށް ޖޭޕީގެ ލީޑާރޝިޕްގެ ބޭފުޅުން ވަޑައިގެންނެވި

  • މީ މިހާތަނަށް ފޯމު ހުށައެޅި އެންމެ ފަހު ސިޔާސީ ޕާޓީ

އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމްގެ ކެންޑިޑަސީ ފޯމް އިލެކްޝަނަށް ހުށައަޅުއްވައިފިއެވެ. ގާސިމް އިބާރާޙިމްގެ ފޯމު ހުށައެޅުއްވަން، ޖޭޕީގެ ލީޑަރޝިޕް ވަނީ ދަރުބާރުގެއަށް ވަޑައިގެންފައެވެ. އަދި ބައެއް ސަޕޯޓަރުންވެސް ބައިވެރިވެފައިވެއެވެ.

ޤާސިމް އިބްރާހީމްގެ ކެންޑިޑަސީ ފޯމު ހުށައެޅުމަށް ވަޑައިގެންނެވިއިރު ޤާސިމްގެ އަރިހުގައި މިހާރު ޓްރާންސްޕޯޓް މިނިސްޓަރ އަދި އަނބިކަނބަލުން އައިޝަތު ނަހުލާއާއި، ރަނިންމޭޓް ޑރ އަމީން އިބްރާޙީމްވެސް ވަނީ ބައިވެރިވެޑައިގެންފައެވެ. ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ޑރ އަމީން ހަމަޖައްސަވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމް ހުށައެޅުއްވީ ގާސިމް އިބާރާހިމްއެވެ. އަދި މިފޯމާ ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ ފަސް ސިޔާސީ ޕާޓީއަކުން ވާދަކުރާއިރު އަމިއްލަ ގޮތުން 3 ފަރާތެއްވަނީ ވާދަކުރައްވާނެކަމަށް ހާމަކުރައްވާފައިވެ. ފޯމު ހުށައެޅުމުގެ ސުންގަޑި މިއަދުގެ 14:00 އަށް ހަމަވާނެއެވެ.