ޚަބަރު

ދިވެހިންނަށް ދުރާލާ ވިސާ ނުނަގާ މިހާރު ސަޢުދީއަށް ދަތުރުކުރެވޭނެ


  • ސަޢުދީއިން ވަނީ 8 ޤައުމަކަށް އޮންއެރައިވަލް ވިސާ ދޭން ނިންމަވާފަ

  • ޓުއަރިޒަމް، ވިޔަފާރި، ޢުމްރާގެ އަޅުކަން އަދި އާއިލާއާއި ރައްޓެހިންނާ ބައްދަލުކުރުމަށް ވިސާ ނަގަން ނުޖެހޭނެ

  • މި ނިންމެވުމަށް ރާއްޖެއިން ވަނީ މަރުޙަބާ ވިދާޅުވެފައި

  • ޢުމްރާގެ އަޅުކަމަށް ސަޢުދީއަށްދާ ދިވެހިންނަށް ބޮޑު ލުޔެއް ލިބޭނެ

ކުރިއާލާ ވިސާ ނެގުމާ ނުލާ ދިވެހިންނަށް ސަޢުދީއަށް ދަތުރުކުރެވޭނެ އިންތިޒާމް ސަޢުދީ ސަރުކާރުން ހަމަޖައްސަވައިދެއްވައިފިއެވެ.

އޮންއެރައިވަލް ވިސާ ނުވަތަ ދުރާލާ ވިދާ ނެގުމަކާނުލައި ސަޢުދިޢަރަބިއްޔާއަށް ދަތުރުކުރެވޭނެ 8 ޤައުމެއް، ސަޢުދީ ސަރުކާރުން ވަނީ އިޢުލާނުކޮށްފައެވެ. އޭގެތެރޭގައި ދިވެހިރާއްޖޭގެ އިތުރުން ދެން ހިމެނެނީ، އަލްބޭނިއާ، އަޒަރްބައިޖާން، ޖޯޖިއާ، ކިރިގިސްތާން، ސައުތް އެފްރިކާ، ތަޖިކިސްތާން އަދި އުޒްބަކިސްތާންއެވެ.

ވަޒީފާގެ ބޭނުމާއި، ތަޢުލީމަށް ދަތުރުކުރުން ފިޔަވާ އެހެން ބޭނުންތަކުގައި އޮން އެރައިވަލް ވިސާ ދޭން ސަޢުދީޢަރަބިއާއިން ވަނީ ނިންމަވާފައެވެ. ސަޢުދީގެ މި ނިންމެވުމާއި ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ، މި ނިންމެވުމަށް މަރުޙަބާ ވިދާޅުވެފައެވެ.

ސަޢުދީޢަރަބިޔާގެ ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިޢުލާންގައި ބުނެފައިވަނީ، ޓޫރިޒަމް، ވިޔަފާރި، ޢުމްރާގެ އަޅުކަން އަދި އާއިލާއާއި ރައްޓެހިންނާ ބައްދަލުކުރުމުގެ ބޭނުމުގައި އެ ޤައުމަށް އެތެރެވާ ފަރާތްތަކަށް، ދެން ކުރިއާލާ ވިސާ ނަގަން ނުޖެހޭނެކަމަށެވެ.

ރާއްޖެއިން އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ޢުމްރާގެ އަޅުކަމަށް ގިނަ ބަޔަކު ސަޢުދީއަށް ދަތުރުކުރަމުން އަންނައިރު، ދިވެހިންނަށް މީގެ އެންމެ ބޮޑު ލުއިފަސޭހައަކަށްވާނީ ޢުމްރާ ވިސާގެ ލުއިފަސޭހަކަމެވެ.

ސަޢުދީއިން ވަނީ، މިކަމުގައި އާއްމުން ސަމާލްކަންދޭންޖެހޭ އިތުރު ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން އޮން އެރައިވަލް ވިސާގައި އެތެރެވާ މީހުން، ވިސާގެ މުއްދަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ. އަދި އޮންއެރައިވަލް ވިޒާގައި އެ ޤައުމަށް އެތެރެވާ މީހުން، އާމްދަނީއަށް ވަޒީފާ އަދާކުރުމަކީ މަނާކަމެއްކަންވެސް ސަޢުދީ ސަރުކާރުން ވަނީ ހަނދާންކޮށްދީފައެވެ. ސަޢުދީ ސަރުކާރުން ބުނީ، ޙައްޖުގެ އަޅުކަމަށް ވިސާ ނަގައިގެން ދަތުރުކުރާ މީހުން، ވަކިން ޢުމްރާ އަދާކުރުމުގެ ހުއްދަވެސް ނޯންނާނެކަމަށެވެ.

ސަޢުދީގެ މި ނިންމެވުމާއި ގުޅީގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ، ސަޢުދީގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާނަށާއި، ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަލްޚަތީބަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއްކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.