ޚަބަރު

އައްޑޫގައި އަޅާ "ސޭފް ހޯމް"ގެ މަސައްކަތް ފެށުމަށް ތައްޔާރުވަނީ


  • މިއީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހީވުމަށް ހަދާ "ސޭފް ހޯމް"ތަކެއް

  • މި ޕްރޮޖެކްޓް ހުޅުމާލެ، އައްޑޫ އަދި ރ.އަތޮޅުގައި ކުރިއަށްގެންދާނެ

  • މި ޕްރޮޖެކްޓަކީ އޭޑީބީގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަސައްކަތެއް

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިމަށް، އައްޑޫ ސިޓީގައި ތަރައްޤީކުރަން ހަމަޖެހިފައިވާ "ސޭފް ހޯމް" މަޝްރޫޢުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެގޮތުން މި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭނެސް މިނިސްޓްރީއިން މިހާރު ވަނީ އިޢުލާންކުރައްވާފައެވެ.

މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ހިލޭ އެހީގައި ކުރިއަށްގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވް" ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދަވާ މަސައްކަތެކެވެ.

މި އެހީއަކީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހު، ދިވެހިރާއްޖެއާއި އޭޑީބީއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޭ އެހީއެކެވެ. މި ޕްރޮޖެކްޓްގެ ދަށުން 3 "އަމާން ހިޔާ" ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހުޅުމާލެ، އައްޑޫ ސިޓީ އަދި ރ.އަތޮޅުގައެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން އިޢުލާންކޮށްފައިވަނީ އައްޑޫ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ "ޖެންޑަރ ބޭސްޑް ވަޔަލަންސް ޝެލްޓަރ"ގެ ޢިމާރާތުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށެވެ. މި މަސައްކަތް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެދަށުންނެވެ. މި ޕްރޮޖެކްޓް ބީލަން ހުޅުވުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ލަނޑުދަނޑިތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ކަމަކީ:

1- މިންތީގެ ދާއިރާއާ ގުޅޭ ތަފާސްހިސާބުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުން
2- ރެސްޕޮންސިވް ބަޖެޓިންގ ތަޢާރަފްކޮށް، ބަޖެޓް އެކުލަވާލާއިރު ޖެންޑަރ ރެސްޕޮންސިވް ބަޖެޓެއް ތައްޔާރު ކުރަން މުވައްޒަފުން ތަމްރީން ކުރުން
3- އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާގެ ޤާބިލްކަން އިތުރުކުރުމުގެ އިތުރަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް މަދުކުރުން
4- އަދި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުން
5- އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ ތިން އަމާން ހިޔާ ނުވަތަ 'ސޭފް ހޯމް' ޤާއިމުކުރުން

އޭޑީބީގެ އެހީގައި ހިންގާ މި މަޝްރޫޢަކީ މައިގަނޑު ފަސް ނަތީޖާއެއް ޙާސިލްކުރުމަށް އަމާޒުހިފައިގެން 5 އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި ޕްރޮޖެކްޓްގެ ސަބަބުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އާއިލާތަކާއި ކުޑަކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން، ކަނޑައެޅިފައިވާ ޚާއްސަ ނިޒާމެއްގެތެރެއިން ދެވޭނެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާގެ މިންވަރު ދަށްކުރުމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެހީތެރިކަން ލިބިގެންދާނެކަމަށް ޖެންޑަރ މިނިސްޓްރީއިން ފާހަގަކުރައްވައެވެ.

މި މަޝްރޫޢުއަށް އޭޑީބީން 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ރާއްޖެއަށް ވަނީ ފޯރުކޮށްދީފައެވެ.