ޚަބަރު

އަމީނީ މަގުގެ ސްކޫލްތައް ހިމެނޭ ސަރަހައްދު ވަގުތީގޮތުން ހުޅުވާލައިފި


  • މިއީ މާލޭގައި އެންމެ ބާރުބޮޑު އެއް ސަރަހައްދު

  • ސްކޫލްތައް ހިމެނޭ ސަރަޙައްދު ދެ ދުވަހެއްގެ ތެރޭގައި ރަސްމީކޮށް ހުޅުވާލާނެ

އަމީނީ މަގުގެ ހަދަމުންދާ ސަރަހައްދުގެ ތެރެއިން ބިލަބޮންގ ސްކޫލުން ފެށިގެން ޣިޔާޒުއްދީން ސްކޫލާއި ހަމައަށް އޮތް ސަރަހައްދު ވެހިކަލްތަކަަށް ވަދެވޭގޮތަށް ވަގުތީ ގޮތުން ހުޅުވާލައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ގިނަ ސްކޫލްތަކެއް ހިމެނޭ އެ ސަރަހައްދު ވަގުތީގޮތުން ހުޅުވާލީ، ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކު، އެ ސަރަހައްދުގެ ޓްރެފިކަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.

އަމީނީ މަގުގެ އެންމެ ބާރު ބޮޑު އެއް ސަރަޙައްދަކީ ބިލަބޮންގ އިންޓަރނޭޝަނަލް ހައި ސްކޫލާއި، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ އިތުރުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ހިމެނޭ ސަރަޙައްދެވެ. އާރުޑީސީން ބުނީ ސްކޫލްތައް ހިމެނޭ ސަރަހައްދު ހުޅުވާލިނަމަވެސް، އެ ސަރަހައްދަށް ވަދޭވޭނީ 2 ފުރޮޅުލީ އުޅަނދުތަކަށްކަަމަށެވެ.

އާރުޑީސީން ބުނީ ބިލަބޮންގ އިންޓަރނޭޝަނަލް ހައި ސްކޫލާއި، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ހިމެނޭ 8 އަދި 9 ވަނަ ސެގްމަންޓްގެ ހުރިހާ މަސައްކަތެއް ނިންމާ ކުރިއަށް އޮތް 2 ދުވަހެއްގެ ތެރޭގައި ރަސްމީކޮށް ހުޅުވާލާނެކަމަށެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ވެސް މިސަރަޙައްދުގެ މަސައްކަތް ކުރުމުގައި މަސައްކަތުގެ ކޮންޓްރެކްޓަރ އާރްޑީސީން ވަނީ ދަރިވަރުންނާއި ބެލެނިވެރިންނަށް ދަތިނުވާނޭހެން މަސައްކަތް ކުރިއަށްގެންގޮސްފައެވެ. އެހެންކަމުން އާރްޑީސީން މިސަރަޙައްދުގެ މަސައްކަތުގެ ބޮޑުބައި ކުރިއަށްގެންދިޔައީ ނިމިގެންދިޔަ ސްކޫލް ބޮޑު ޗުއްޓީއާއި ދިމާވާގޮތަށެވެ.

މަގުގެ މަސައްކަތް ނިންމާ ދިރާސީ އަހަރުގެ ކިތެވުން ފެށެންވާއިރަށް އެ ސަރަހައްދު ހުޅުވުމަށް އެކޯޕަރޭޝަނުން ވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މަސައްކަތް ކުރިއަށްގެންދިޔުމުގައި ކޮންމެވެސްވަރެއްގެ ދަތިތަކެއް ކުރިމަތިވުމުން އެ ސަރަހައްދު ހުޅުވުން ލަސްވީކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އާރްޑީސީއިން ބުނީ، އަމީނީ މަގުގެ ދެއަރިމަތީގައި އަދިވެސް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް އެބަހުރިކަމަށެވެ. އަދި މޫސުން ތަންދޭނަމަ މިރެއާއި މާދަމާ އެމަސައްކަތް ނިންމާ ރަސްމީކޮށް މަގު ޢާއްމުންނަށް ކުރިއަށް އޮތް ދެ ދުވަހެއްތެރޭގައި ހުޅުވާލާނެކަމަށެވެ. އަދި މަސައްކަތް ކުރަމުންދަނީ ވީއެންމެއަހަކަށް މަސައްކަތް ނިންމުމަށްކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

އާރްޑީސީން މިހާރު އަންނަނީ އަމީނީ މަގުގެ 10 އަދި 11 ވަނަ ސެގްމަންޓުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ކްރިކެޓް ދަނޑުން ފެށިގެން މާފަންނު ސްޓޭޑިއަމް ނިމޭ ހިސާބަށް އަމީނީ މަގުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އާރްޑީސީން ބުނީ މިސަރަޙައްދުގައި މިހާރު ކުރަމުންދަނީ ޔޫޓިލިޓީ ހޮޅިތައް އެޅުމުގެ މަސައްކަތް ކަމަށެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްޤީކުރުމަށް އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 84.4 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން އަމީނީމަގުގެ ހެންވޭރު ކޮޅުން ފެށިގެން މާފަންނު ކޮޅާއިހަމައަށް ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ ދަށުން 7 ވަނަ ސެގްމަންޓާއި ހިސާބަށް މަސައްކަތް ނިންމުމަށްފަހު މިހާރު ވަނީ ޢާއްމުންނަށް ހުޅުވާލާފައެވެ.