ޚަބަރު

ފިލްމް ނީނާ: ތަރިންގެ ހުނަރު ފުރިހަމައަށް ފެނިގެންދިޔަ ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް


  • މީ އައި ފިލްމްގެ ދެވަނަ ފީޗާރ ފިލްމް

  • ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައި

  • ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ހިތްވަރުގަދަ އަންހެނެއްގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތިލާގޮތުގެ މައްޗައް

ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ފިލްމް "ނީނާ" އޮލިމްޕަހުގައި މިހާރު ލޯންޗުކޮށްފައިވާއިރު މި ފިލްމު ވަނީ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. ފިލްމު ބެލުމަށް ދިޔަ މީހުންނާއެކު ފިލްމް ތިއޭޓާރ ވަނީ ފުރާލާފައެވެ.

އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު މިހާރު މި ވަނީ އަނެއްކާ އޮލިމްޕަހުގައި ފިލްމުތައް އަޅުވަން ފަށާފައެވެ. އެކި ޑައިރެކްޓަރުންގެ އެކި ފިލްމުތައް މިހާރުވެސް އެޅުވުމަށް ދަނީ ތައްޔާރު ވަމުއްނެއެވެ. ދިވެހިންގެ ހިތްތަކާކުޅެލާނެ އަަދި ހެއްވާލާނެ ފަދަ ރީތި ފިލްމްތަކެއެވެ. އޭގެތެރެއިން ގިނަބަޔަކު އިންތިޒާކުރި ފިލްމް" ނީނާ" މިހާރު މިވަނީ ބެލުންތެރިނާ ހަމަޔައް އައިސްފައެވެ. ނީނާގެ އެކިފަހަރުމަތިން ދޫކޮށްލި ޓްރެއިލާތަކުންވެސް ބެލުންތެރިން، އެ ފިލްމު ބެލުމަށް ކެއްމަދުވެފައި ހުރި ވަރު ހާމަވެގެންދިޔައެވެ.

ލޯބި އަދި އެކްޝަންވެސް ހިމެނޭ ފިލްމު "ނީނާ "ގެ ވާހަކަ ލިޔެ ޑައިރެކްޓްކުރީ އިލްޔާސް ވަޙީދު (އިއްލެ) އެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ހިތްވަރުގަދަ އަންހެނަކު އޭނާގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތިލާގޮތުގެ މައްޗަށެވެ. "އަންހެނުންނަކީ ފިސާރި ބާރުގަދަ ބައެއްކަން" މި ފިލްމުން އެނގޭނެއެވެ. މިއީ އަންހެނުން ބާރުވެރިކުރުވުމަށް ބާރުއަޅައި އެކަން ރަނގަޅަށް ދައްކައިދީފައިވާ ފިލްމެކެވެ.

އެ ކެރެކްޓަރއެއްގެ މައްޗަށް ފިލްމުގެ ނަމާއި ވާހަކަ ނިސްބަތްވާ "ނީނާ"ގެ ރޯލުން ފެނިގެންގޮސްފައިވަނީ އައި ފިލްމްސްގެ ފުރަތަމަ ފީޗަރ ފިލްމް "ބަވަތި"ގެ ލީޑްރޯލުން ފެނުނު ބަތަލާ ނުޒުޙަތު ޝުޢައިބެވެ. ފިރިހެން ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ މިހާރު ދިވެހި ފިލްމް އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ޝަރަފް ޢަބްދުﷲ އެވެ. ފިލްމުގައި ނުޒޫގެ މައިގަނޑު 3 ލުކެއް ފެނިގެންދެއެވެ.

ފިލްމް ނިންމުމަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަމުން ނުޒުހަތުއާއި ޝަރަފް ބުނީ ފިލްމަށް މިހާ ބޮޑު ތަރުހީބެއް ލިބޭނެކަމަށް ހީވެސް ނުކުރާކަމަށެއެވެ.
"މި ފިލްމަށް އަސްލު ހިޔެއް ނުކުރަން މިހާ ބޮޑު ތަރުހީބެއް ލިބޭނެކަމަށް. ހީވެސް ނުކުރާހާ ގޮތަކަށް ފެނިގެން މިދިޔައީ. ފިލްމަށް މިހާ ބޮޑު ތަރުހީބެއް ލިބިގެން ދިޔައީމަ ވަރަށް އުފަލުން މި ހުރި" ޝަރަފް ބުންޔެވެ.

ނުޒުހަތު ބުނީ ބެލުންތެރިންނަށް ފިލްމު ކަމުދިއުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނުކަމަށެވެ.

" ފިލްމް ބަލާލީމައި އަސްލު މީގެން ވަރަށް ބޮޑު ފިލާވަޅެއް ދަސްވެގެންދާނެ. އުންމީދު ކުރަން ނުޒޫ އިންޓަރވިއުތަކުގައި ދެއްކި މި ފިލާވަޅު ބެލުންތެރިންނަށް ލިބިގެން ދިޔަކަމަށް. ނުޒޫއަކަށް ހިޔެއް ނުވޭ އަދި މިހާ ވަރުގަދަ ފިލްމެއް ކުޅެވުނުހެނެއް. ފިލްމާ ދޭތެރޭ ނުޒޫ މި ހުރި ހަމަ ވަރަށް ހިތްހަމަ ޖެހިފައި" ނުޒޫ ބުންޏެއެވެ.

ލީޑް ދެ ތަރިންގެ އިތުރުން ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދިޔަ ބައެއް މޫނުތަކުގެ ތެރޭގައި ކުރީގެ މަޝްޙޫރު ބަޠަލާ މަރިޔަމް ރަޝީދާ، މަރިޔަމް ޝަކީލާ، އާދަމް ރިޒްވީ، ނަތާޝާ ޖަލީލް އަދި ޢަލީ އިނާޒް ހިމެނެއެވެ. ހަމައެހެންމެ ފީޗަރ ފިލްމަކުން އަލަށް ތަޢާރަފުވާ ބައެއް މޫނުތައްވެސް މި ފިލްމުގެ އެކި ރޯލުތަކުން ވަނީ ފެނިގެން ގޮސްފައެވެ.

"ނީނާ" މި ފިލްމުގެ މަސައްކަތް އައި ފިލްމްސްއިން ފެށީ ކޯވިޑްގެ ކުރިންނެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން ފިލްމުގެ މަސައްކަތްތައް މެދުކެނޑިފައި އޮތުމަށްފަހު، ސްކްރީނަށް ފިލްމް ގެނައުމަށް އިއުލާން ކުރި ހިސާބުން ބެލުންތެރިން ތިބީ ކެންމަދުވެފައެވެ. ގިނަބަޔަކު ކުރި ދިގު އިންތިޒާރައް މިވަނީ ނިމުމެއް އައިސްފައެވެ. ފިލްމު މިވަނީ ބެލުއްތުރިއްނާއި ހިސާބައް އަައިސްފައެވެ. ފިލްމް ބަލާ ނިކުތް ކޮންމެ މީހަކުވެސް ފިލްމް ގެ ފުރިހަމަކަމާއި ފިލްމުގެ ބައިވެރިންގެ ހުނަރުގެ މޮޅުކަމުގައި ވާހަކަވަނީ ފާހަގަކޮށްފައެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އުފާވެރިކަމެއެވެ.

މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލޭ ސިޓީގެ އިތުރުން ލ. އަތޮޅުގެ ރަށްތަކުގައެވެ. ފިލްމް ޕްރޮޑިއުސްކުރުމުގައި އިލްޔާސްގެ އިތުރުން އާސިމް ޢަލީ އަދި އަޙްމަދު ވަޙީދު މަސައްކަތްކޮށްފައިވެއެވެ. ސިނެމެޓޯގްރަފީގެ މަސައްކަތްތައް ކޮށްފައިވަނީ އިބްރާހީމް ވިސާން (ކަނޑި) އެވެ. އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަށް ކޮށްފައިވަނީ "ބަވަތި" ގައިވެސް އެ މަސައްކަތްތައް ކުރި ޓީމުކަމަށްވާ "އޯކޭޒް އިންކް" އިނެވެ.