ޚަބަރު

މިއަދާ މާދަމާވެސް އުދައަރާނެ، ސަމާލުވޭ!


  • މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ދިޔަވަރު ބޮޑުވާ ގަޑީގައި އުދައަރާނެ

  • ދިޔަވަރު ބޮޑުވާ ގަޑީގައި ބްރިޖާއި ހައިވޭގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެދޭ

  • އުދައިގެ އަސަރު ކުޑަވާނެކަމަށް ބެލެވެނީ އަންގާރަ ދުވަހުން ފެށިގެން

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދާއި މާދަމާވެސް އުދައިގެ އަސަރުކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އިއްޔެވެސް މާލެއަށް އުދަ އަރައި ބައެއް މީހުންނަށް އަނިޔާވެ، މުދަލަށްވަނީ ގެއްލުންވެފައެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ދިޔަވަރު ބޮޑުވާގަޑިތަކުގައި އުދައެރުމުގެ ފުރުސަތު އޮތުމާއެކު އެކަމަށް ސަމާލުވުމަށް މެޓު އޮފީހުންވަނީ އިލްތިމާސްކުރައްވައެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މެޓު އޮފީހުން ވިދާޅުވީ، މިއަދާއި މާދަމާވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއްކަމުގައެވެ. މިއަދު މާލެ ސަރަޙައްދުގައި އެންމެ ދިޔަވަރު ބޮޑުވާނެ ގަޑިއަކީ، މެންދުރުފަހު 03:46 ކަމަށާއި، އެގަޑީގައި ޢާމާލޭގެ އެކި ސަރަޙައްދުތަކުން އުދައެރާނެތީ އެކަމަށް ސަމާލުވުމަށް މެޓު އޮފީހުންވަނީ އެދިވަޑައިގަންނަވާފައެވެ.

ދެކުނުގެ ރަށްތަކަށް ދިޔަވަރު މިއަދު އެންމެ ބޮޑުވާނީ، ހަވީރު 04:42 ގައެވެ. އަދި އުތުރުގެ އަތޮޅުތަކުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރުފަހު 02:53ގައެވެ. އެހެންކަމުން މިގަޑިތަކުގައި އުތުރާއި ދެކުނުގެ އަތޮޅުތަކުގެ ރަށްތަކުންވެސް އުދައަރާނެކަމަށް ލަފާކުރެވޭތީ، އެކަމަށް ސަމާލުވުމަށް މެޓު އޮފީހުންވަނީ އިލްތިމާސްކުރައްވާފައެވެ. މެޓު އޮފީހުން ވިދާޅުވީ މިހާރު ކުރަމުންދާ އުދައިގެ އަސަރު ކުޑަވާނެކަމަށް ލަފާކުރެވެނީ، އަންގާރަ ދުވަހުން ފެށިގެންކަމަށެވެ.

މެޓު އޮފީހުން ވިދާޅުވީ ރާއްޖޭގެ މޫސުން ޢާއްމުގޮތެއްގައި ރަނގަޅުކަމަށެވެ. އެހެންނަމަވެސް ބައެއް ގަޑިތަކުގައި ކެރީގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެއްކަމުގައި އެއޮފީހުން ވިދާޅުވެއެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވައިގަދަ ނޫންކަމަށާއި، ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. ވައިޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ކެރިގަނޑުގައި ގަދަވާ ގަޑީގައި، ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

މިދުވަސްވަރު އުދައިގެ އަސަރު ކުރަމުންދާތީ ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. އެގޮތުން ދިޔަވަރު ބޮޑުވެ އުދަ އަރާގަޑިތަކުގައި ބްރިޖް އަދި ހައިވޭގައި ސައިކަލުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ، ނުކުރުމަށް ފުލުހުންވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ރަށްރަށުގައިވެސް ގޮނޑުދޮށައި ގާތުގައި ހުންނަ ގޭބިސީތަކުންވެސް ގެއަށް ލޮނު ނުވަންނާނެހެން ބަސްތާ ޖެހުމާއި، އުދައިގެ އަސަރުކޮށް ހަލާކުވެދާނެ ފަދަ މުދަލާއި ތަކެތި ރައްކާތެރި ހިސާބުތަކުގައި ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.