ވިޔަފާރި

ހުޅުމާލޭގައި ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލް ތަރައްޤީކުރުން


ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން، ޤާއިމުކުރާ ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލް ތަރައްޤީކުރުމަށް ކުރިއަށް އޮތް ދެމަހެއްގެ ތެރޭ ބަޔަކާ ޙަވާލުކުރެވޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވެއްޖެއެވެ. ހުޅުމާލޭގައި ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބިން ހިއްކައި، އެ ތަނުގެ ޝޯރ ޕްރޮޓެކްޓް ކުރުމުގެ މަސައްކަތް އެޗް.ޑީ.ސީގެ ފަރާތުން މިހާރު ދަނީ ކުރަމުންނެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ޔޮޓް މެރީނާއެވެ.ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލް ހެދުމަށް ބޭނުންވާ ސަރަޙައްދު ތައްޔާރުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ ފަރާތުން ދަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުން ނުވަތަ ޝޯރ ޕްރޮޓެކްޝަންގެ މަސައްކަތް ނިންމުމަށްފަހު، ޔޮޓްމެރީނާ އަދި ކްރޫޒް ޓަރމިނަލް ހެދުމަށް ބޭނުންވާ ބިން ހިއްކައި، އެތަނުގެ ޝޯރ ޕްރޮޓެކްޝަންގެ މަސައްކަތް އެކުންފުނިން މިހާރު ގެންދަނީ ކުރަމުންނެވެ. ހުޅުމާލޭގައި ޤާއިމުކުރާ ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލް ހެދުމަށް ގާތްގަނޑަކަށް 15 ހެކްޓަރުގެ ބިން ތަރައްޤީކުރެވިގެންދާނެ ކަމަށް އެޗް.ޑީ.ސީން ހާމަކުރެއެވެ.ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ސުޕަރ ޔޮޓްތަކާއި، ޕަސެންޖަރލައިން ފަދަ އުޅަނދުފަހަރަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި، ބިމުގެ އިތުރަށް ކަނޑުގެ ސަރަޙައްދުންވެސް ޖާގަ ބޭނުންވާތީ، އެކަމަށް ޚާއްޞަކުރެވޭ ސަރަޙައްދު އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ހަމަޖައްސެވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ. ކުރިއަށް އޮތް ދެ އަހަރުގެތެރޭގައި އެތަނުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް އެކުންފުނިން އަމާޒުހިފާފައިވާއިރު، މިތަނުން 300 ސުޕަރ ޔޮޓަށާއި، އަދި ހަ ހާހާއި، ހަތް ހާހާ ދެމެދުގެ ޕަސެންޖަރުން އުފުލާ ބޮޑެތި ޕަސެންޖަރލައިންތަކަށް ޚިދުމަތް ދެވިގެންދާނެކަމަށް ސައިމަން ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14577851765688.jpg|ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލްގެ މަސައްކަތްތަކާއި ގުޅޭގޮތުން އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ މަޢުލޫމާތުދެއްވަނީ / ފޮޓޯ: ޕީ.އެސް.އެމް ނިއުސް މީގެ އިތުރުން ސައިމަން ވިދާޅުވީ، ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލް ތަރައްޤީކުރެވިގެން ދާނީ ބައިނަލްއަޤުވާމީ ފެންވަރުގައިވެސް މިފަދަ ޚިދުމަތްތައް ދޭ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތައްކަމަށެވެ. އަދި ޖިއޮގްރަފީގެ ގޮތުން ބަލާނަމަވެސް، ޔޮޓް މެރީނާ ތަރައްޤީކުރެވިގެންދާ ސަރަޙައްދަކީ އެކަމަށް އެންމެ އެކަށީގެންވާ ސަރަޙައްދުކަމަށްވެސް ސައިމަން ވިދާޅުވިއެވެ. އެގޮތުން އެ ސަރަޙައްދަކީ ދުނިޔޭގެ ނިސްބަތުންވެސް ގިނަ އަދަދެއްގެ ސުޕަރ ޔޮޓްތަކާއި، ބޮޑެތި ޕަސެންޖަރ ލައިންތައް މިހާރުވެސް ދަތުރުކުރާ ސަރަޙައްދެއްކަން ފާހަގަކުރައްވަމުން ސައިމަން ވިދާޅުވީ، ރާއްޖެއަކީ ފަތުރުވެރިންގެ ބޮޑު ޑިމާންޑެއް އޮތް ޤައުމަކަށްވެފައި، މިފަދަ ޚިދުމަތެއް ތަޢާރަފުވެގެން ދިޔުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އެކަމުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.ޢާއްމުކޮށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ވައިގެމަގުންނެވެ. އެއް އަހަރުން އަނެއް އަހަރަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ހުޅުމާލޭގައި އަލަށް ޤާއިމުކުރައްވާ ޔޮޓް މެރީނާ އަދި ކްރޫސް ޓަރމިނަލްގެ ސަބަބުން، ކަނޑުމަގުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.