ކުޅިވަރު

އީގަލްސްއާ އެއްވަރުކޮށް މާޒިޔާއިން މަޤާމު ދަމަހައްޓައިފި


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު އީގަލްސް އެއްވަރުކޮށް، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލުގެ އެއްވަނަ މަޤާމު ދަމަހައްޓައިފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މެޗުގައި އީގަލްސްއިން ވަނީ އެ ޓީމަށް އަލަށް ގުޅުނު ބިދޭސީ ކުޅުންތެރިންނާއެކު، ފުރަތަމަ އެގާރައިގައި ބިދޭސީ ފަސް ކުޅުންތެރިން ހިމަނާފައެވެ. އަދި މާޒިޔާއިންވެސް ބިދޭސީ އައު ތިން ކުޅުންތެރިއަކު މި ފަހުން ގެނައިރު، އޭގެ ތެރެއިން ދެ ކުޅުންތެރިއަކު ވަނީ މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އީގަލްސްއިންނެވެ. މެޗު ފަށައއިގެން ނުވަވަނަ މިނެޓުގައި ކެޕްޓަން އަޙްމަދު ރިޒުވާން (ރިޒޭ) ގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިލުގެ ފޯވާޑް އިވާން ކާލޯސްއެވެ.

އޭގެ ފަހުން މާޒިޔާއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 11 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ސާބިއާގެ ފޯވާޑް ވޮޖިސްލާވް ބަލަބަނޮވިޗް ފޮނުވާލި ބޯޅަ، އީގަލްސްގެ ގޯލްކީޕަރު ހަސަން އަލީފް އިބްރާހީމް ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން ގާތްގާތުގައި ބަލަބަނޮވިޗަށް ހުސް ދެ ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ދެ ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެއެވެ.

އެއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މިލޮވަން ޕެޓްރޮވިޗް ދިން ރީތި ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިޒޭއެވެ. އަދި ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ރިޒޭ ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގައި މާޒިޔާއިން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގައި ގާތްގާތުގައި ކާމިޔާބުކުރި ދެ ލަނޑާއެކުއެވެ. އެގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ޚަލީލް ޖަމާލް ނަގައިދިން ހުރަހަކުން މާޒިޔާއަށް ފަރަގު ކުޑަކޮށްދިނީ ބަދަލަކަށް ކުޅެން ނުކުތް އަލީ ފާސިރު (ސެންޓޭ) އެވެ. އަދި އޭގެ މިނެޓެއް ފަހުން ހަސަން ރާއިފް އަޙްމަދު (ހަންނަ) ވަނީ ލަނޑެއް ޖަހައި، މާޒިޔާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މޮޅާއެކު މާޒިޔާއިން ލީގުގެ ފުރަތަމަ ބުރު ނިންމާލީ ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެކަމަކު މިއީ މި ފަހަރުގެ ލީގުގައި މާޒިޔާއިން މޮޅެއް ނުލިބުނު ފުރަތަމަ މެޗެވެ. މި ނަތީޖާއާއެކު މާޒިޔާއަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އީގަލްސްއަށް ހަތް މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.