ޚަބަރު

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކަށް މޭޔަރ މުއިއްޒު


  • - ވާދަކުރެއްވީ މުއިއްޒާއި އާދަމް ޝަރީފް

  • - މުއިއްޒަށް ލިބިވަޑައިގަތީ 25 ވޯޓް ޝަރީފަށް 23 ވޯޓް

  • - ޔާމިންގެ ކެނޑިޑަސީ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭ ހާލަތުގައި ޕީއެންސީން ނެރޭ ރިޔާސީ ކެނޑިޑޭޓަކަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅައިފިއެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް މުއިއްޒާއި ވާދަކުރެއްވީ ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުއެވެ. އެ ޕާޓީގެ ސެނެޓްގައި ހަވީރު ބޭއްވި ބައްދަލުވުމުން މުއިއްޒަށް ކެނޑިޑޭޓް ކަން ދޭން 25 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. ޝަރީފަށް ތާއިދުކުރީ 23 މެމްބަރުންނެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ނަން ޕީޕީއެމުން ހުށައެޅުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެމަނިކުފާނުގެ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާ ކެނޑިޑަސީ ބަލައި ނުގަންފައެވެ. އެ މައްސަލަ ޕީޕީއެމުން ސުޕްރީމްކޯޓަށް ހުށައެޅުމުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ މެންދުރު ފަހު 14:30ގައި ބޭއްވުމަށް ސުޕްރީމްކޯޓުން ވަނީ ތާވަލުކުރައްވާފައެވެ.

މި މައްސަލައިގެ ތެރެއަށް ދައުލަތުގެ ބަންޑާރަ ނައިބާއި ޕީޕީއެެމުން ވަނީ ތަަދައްހުލްވެފައެވެ. ބަންޑާރަ ނައިބް މައްސަލައިގެ ތެރެއަށް ވަނީ ސުޕްރީމްކޯޓްގެ އެންގެވުމަށެވެ. ޕީޕީއެމުން މައްސަލައިގެ ތެރެއަށް ވަނީ އެޕާޓީން އަމިއްލައަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.

އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނު ބުނާގޮތުން ކެނޑިޑެސީއާއި މެދު ސުވާލު އުފެއްދިއްޖެ ނަމަ އެ މައްސަލަ ހުށައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އަދި މިގޮތަށް ހުށައަޅާ މައްސަލައެއް އެ ކޯޓަށް ހުށައަޅާތާ ގިނަވަގެން 7 ދުވަހުގެ ތެރޭގައި ނިންމަވަންޖެހެއެވެ. އަދި މި ފަދަ މައްސަލަތައް ނިންމަންވާނީ ސުޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންކަމަށާއި ސުޕްރީމްކޯޓުގެ އެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމެވުންކަމަށްވެސް ޤާނޫނު އަސާސީގައިވަނީ ބަޔާންކޮށްފައެވެ.