ޚަބަރު

ޤާސިމްގެ އިންތިޚާބީ އޭޖެންޓަކަށް ޢަލީ ވަޙީދު


  • ޤާސިމްގެ އިންތިޚާބީ އޭޖެންޓަކަށް އަލީ ވަހީދު ހަމަޖެއްސެވީ މިއަދު

  • މިހާތަނަށް ކެމްޕޭން މެނޭޖަރާއި، ރަނިންމޭޓް ކަނޑައަޅުއްވާފައި ނުވޭ

  • އިންތިޚާބުގައި ކުރިމަތިލުމުގެ މުއްދަތު ހޯމަ ދުވަހަށް ހަމަވާނެ

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވަދާކުރައްވާ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމްގެ ކެމްޕޭން އޭޖެންޓަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ހަމަޖައްސަވައިފިއެވެ.

ޢަލީ ވަހީދަކީ ޖޭޕީގެ ކުރީގެ ރައީސެވެ. ނަމަވެސް އެޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލަކާއި ގުޅިގެން އަލީ ވަހީދަށް ވަނީ ރައީސްކަމުގެ މަޤާމު ގެއްލިފައެވެ. އެހެންނަމަވެސް އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ ވަޙީދަށް ވަނީ ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަޤާމު ދެއްވާފައެވެ.

ޤާސިމްގެ ކެމްޕޭން އޭޖެންޓަކަށް އަލީ ވަޙީދު ހަމަޖައްސަވާ ޤާސިމް ވަނީ ލިޔުން ހަވާލު ކުރައްވާފައެވެ. ޤާސިމްގެ ކެމްޕޭން އޭޖެންޓް ކަނޑައެޅި ނަމަވެސް ޤާސިމްގެ ރަނިން މޭޓަށާއި، ކެމްޕޭން މެނޭޖަރުކަމުގެ މަޤާމަށް އަދި ބޭފުޅަކު ކަނޑައަޅާފައި ނުވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވަދާކުރެއްވުމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް، ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމަށް އަރުވާފައިވަނީ މިދިޔަ ޖޫންމަހުގެ 9 ވަނަ ދުވަހުއެވެ.

ރިޔާސީ އިންތިޚާބުގައި ކުރިމަތިލުމުގެ މުއްދަތު އަންނަ ހަފްތާގެ ހޯދަމަ ދުވަހަށް ހަމަވާނެއެވެ. މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް އަދި ފޯމު ހުށަހެޅުއްވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީނެވެ. ނަމަވެސް ރައީސް ޔާމީން 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވާތީ އެމަނިކުފާނުގެ ފޯމު އިލެކްޝަނުން ބަލައި ގެންފައި ނުވެއެވެ.