ޚަބަރު

އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް، 22،800 އަށްވުރެ ގިނަ ފޯމު


  • އޮންލައިންކޮށް ރީ-ރަޖިސްޓްރީ ވުމަށް 22،882 ފޯމު ހުށަހަޅާފައިވޭ

  • މީގެތެރެއިން ރަޖިސްޓްރީ ކުރައްވާފައިވަނީ 18،088 ފޯމު

  • މިހާތަނަށް ޖުމްލަ 30،000 ފޯމު ރީ-ރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވޭ

  • ކަރުދާސް ފޯމުގައި ރީ-ރަޖިސްޓްރީވުމުގެ ފަހުގެ ތާރީހަކީ އަންނަ ހޮނިހިރު ދުވަސް

ރިޔާސީ އިންތިޚާބުގައި އެ މީހެއްގެ އަމިއްލަ ރަށް ނޫން އެހެން ރަށަކުން ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް އޮންލައިންކޮށް ހުޅުވާލި މުއްދަތުގެ ތެރޭގައި 22،800 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް ރީ-ރެޖިސްޓްރީ ވުމަށް ހުޅުވާލި މުއްދަތު ބުދަ ދުވަހުގެ ރޭ 12:00 ޖެހުމާއި ހަމައަށް ހަމަވިއިރު އިލެކްޝަނަށް ޖުމްލަ 22،882 ފޯމު ހުށަހަޅުއްވާފައިވެއެވެ. މީގެ ތެރެއިން އިލެކްޝަނުން ރަޖިސްޓްރީ ކުރައްވާފައިވަނީ 18،088 ފޯމެވެ. އަދި އެކި ސަބަބުތަކާހުރެ 4،794 ފޯމެއް ވަނީ ރިޖެކްޓްކޮށްލާފައެވެ.

ރިޖެކްޓްކުރި ފޯމުތަކުގެ ތެރޭގައި ހިމެނެނީ އައިޑީކާޑުގެ މުއްދަތު ހަމަވެފައިވަ ފޯމުތަކާއި، މާލެއަށް ނިމިދިޔަ އިންތިޚާބުގައިވެސް ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ހުށަހެޅި ފޯމުތަކެވެ. އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވިނަމަވެސް އަންނަ ހޮނިހިރު ދުވަހާއި ހަމައަށް ކަރުދާސް ފޯމުތައް މެދުވެރިކޮށް ރީ-ރަޖިސްޓްރީވުމަށް ހުށަހެޅޭނެއެވެ.

މިހާތަނަށް ރީ-ރަޖިސްޓްރީވުމަށް ޖުމްލަ 30،000 އަށްވުރެ ގިނަ ފޯމު އިލެކްޝަނަށް ވަނީ ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ކަރުދާސް ފޯމުގައި އިލެކްޝަނަށް އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލް އިދާރާތަކަށާއި، ރިސޯޓްކަކާއި، މާލޭގެ ކައުންޓަރުތަކަށް ލިބުނު ފޯމުތައްވެސް ހިމެނެއެވެ.

ރީ-ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ހާމަކުރުމުގެ އިތުރުން ސިޔާސީ ޕާޓީތަކާވެސް ޙިއްސާކުރަމުންދާކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. ރީ-ރަޖިސްޓްރޭޝަން މަރުޙަލާގެ ކަންކަން ވީހާވެސް އަވަހަށް ފުރިހަމަކުރުމަށްޓަކާ، އެންމެ ފަހު ވަގުތަށް ނުތިއްބަވާ، އެކަންކަން ފުރިހަމަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ޢަދަދާއި ތަންތަން ކަށަވަރު ވާނީ ރީ-ރެޖިސްޓްރޭޝަން މަރުޚަލާއަށް ފަހުގައެވެ. ޚާއްސަކޮށް ރިސޯޓްތަކާއި، ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ޤައުމުތަށް ކަށަވަރު ވާނީ، އެ ޢަދަދުތަކަށް ރީ-ރެޖިސްޓްރޭޝަން ލިބުމުންނެވެ. މިހާތަނަށް ރާއްޖެއިން ބޭރުގެ 4 ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމަވާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން، އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނާނެއެވެ. މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ކެނޑިޑޭޓުން ކުރިމަތިލުމުގެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާއިރު، ކެނޑިޑޭޓު ނަންބަރު ތަރުތީބު ކުރުން އޮންނާނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.