ޚަބަރު

ރައީސް ޔާމީންގެ ކެނޑިޑެސީ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ


  • ސްޕްރީމް ކޯޓުގައި ފުރަތަމަ އަޑުއެހުން އޮތީ މާދަމަ މެންދުރުފަހު 3 ޖަހާއިރު

  • އަޑު އެހުމުގެ ނޯޓިސް އީސީއަށާއި، ރައީސް ޔާމީންގެ ވަކީލުންނަށް ވަނީ ފޮނުއްވާފަ

  • މިމައްސަލައިގެ އީސީން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިއަދު 3 ގެ ކުރިން ހުށަހަޅާނެ

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިދިކޮޅު ކޯލިޝަނުން ކަނޑައަޅުއްވާފައިވާ ރައީސް ޢަބްދުﷲ ޔާމީންގެ ކެނޑިޑެސީ އާއި ގުޅޭގޮތުން ޕީޕީއެމްއިން ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ފުރަތަމަ އަޑު އެހުން މާދަމައަށް ތާވަލް ކުރައްވައިފިއެވެ.

އަންނަމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވުމުން ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރުމަށް ގާނޫނޫ އަސާސީގައި ބުނާ ޝަރަތު ރައީސް ޔާމީންގެ ކިބައިގައި މިވަގުތު ފުރިހަމަ ނުވާތީ ކެނޑިޑެސީ ބަލައި ނުގަތުމަށް ވަނީ ނިންމަވާފައެވެ.

އިލެކްޝަންގެ ނިންމެވުން ޕީޕީއެމްއިން ވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. މިމައްސަލައިގެ ފުރަތަމަ އަޑު އެހުން ތާވަލް ކުރައްވާފައިވަނީ މާދަމާ މެންދުރުފަހު 14:30 އަށެވެ. ކޯޓުންވަނީ މި މައްސަލައިގެ އަޑުއެހުމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމަށާއި، އިލެކްޝަންސް ކޮމިޝަނަށް ޗިޓުވެސް ފޮނުއްވާފައެވެ.

ރައީސް ޔާމީންގެ ކެނޑިޑަސީއާ ގުޅޭގޮތުން، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވުމަށް، ސުޕްރީމް ކޯޓުން އަންގަވާފައިވާ އެންގެވުމާއި އެއްގޮތަށް މިއަދު މެންދުރުފަހު 15:00 ގެ ކުރިން، ލިއުމުން ޖަވާބު ފޮނުވާނެ ކަމަށް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.

އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނު ބުނާގޮތުން ކެނޑިޑެސީއާއި މެދު ސުވާލު އުފެއްދިއްޖެ ނަމަ އެ މައްސަލަ ހުށައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އަދި މިގޮތަށް ހުށައަޅާ މައްސަލައެއް އެ ކޯޓަށް ހުށައަޅާތާ ގިނަވަގެން 7 ދުވަހުގެ ތެރޭގައި ނިންމަވަންޖެހެއެވެ. އަދި މި ފަދަ މައްސަލަތައް ނިންމަންވާނީ ސުޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންކަމަށާއި ސުޕްރީމްކޯޓުގެ އެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމެވުންކަމަށްވެސް ޤާނޫނު އަސާސީގައިވަނީ ބަޔާންކޮށްފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ މުއްދަތު މިމަހުގެ އަންނަ ހޯމަ ދުވަހަށް ހަމަވާނެއެވެ.